ads
އެމްއެމްއޭ
އެމްއެމްއޭގެ ފިއުޗާ ފައިނޭންސް މަޒުމޫނު މުބާރާތެއް ފަށައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް ހާއްސަކޮށްގެން ފިއުޗާ ފައިނޭންސް މަޒުމޫނު މުބާރާތެއް ފަށައިފިއެވެ.
Advertisement

މިއީ އެމްއެމްއޭން ކުރިއަށްގެންދާ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މުބާރާތުގެ މައިގަނޑު މަގްސަދަކީ، އެމްއެމްއޭން ބުނި ގޮތުގައި، ޒުވާނުން، ވަކިން ހާއްސަކޮށް ކިޔަވާކުދިންގެ މެދުގައި މާލީ ދާއިރާއާ ދޭތެރޭ އިލްމީ ނަޒަރަކުން ވިސްނައި އަދި މާލީ މުސްތަގްބަލެއް ތަސައްވަރުކުރުމަށް ބާރުއެޅުމެވެ.

ޖޫނިއާ ގިންތީގައި ހިމެނޭނީ ގްރޭޑް އަށަކުން ދިހައެއްގެ ދަރިވަރުންނެވެ. ސީނިއާ ގިންތީގައި ހިމެނޭނީ ގްރޭޑް އެގާރަ އަދި ބާރައިގެ ދަރިވަރުންނެވެ. ހުރިހާ މަޒުމޫނެއް ވެސް ލިޔަން ޖެހެނީ އިނގިރޭސި ބަހުންނެވެ.

މުބާރާތުގެ ބައިވެރިން ލިޔާ މަޒުމޫނުތަކަކީ އެ ބައިވެރިއެއްގެ އަމިއްލަ ލިޔުމަކަށް ވާންވާނެ އެވެ. އެއީ ކުރީން ޝާއިއުކޮށްފައި ނުވާ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އުފައްދާފައި ނުވާ ލިޔުމަކަށް ވާން ޖެހެއެވެ.

ކޮންމެ ގިންތިއެއްގައިވެސް އެންމެ މޮޅު މަޒޫމޫނަށް 3,000 ރުފިޔާ، ދެވަނައަށް 2,000 ރުފިޔާ، ތިންވަނައަށް 1,000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި ކޮންމެ ގިންތިއަކުންވެސް ހާއްސަ މަޒުމޫނަކަށް 500 ރުފިޔާގެ އިނާމު ލިބޭނެކަމަށާއި އޭގެ އިތުރުން، ހޮވޭ ލިޔުންތައް އެމްއެމްއޭއިން ހިންގާ މާލީ ހޭލުންތެރިކަމުގެ ކެމްޕޭނުތަކުގައި ބޭނުންކުރާނެ ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

އެ މަޒުމޫނުތައް ލިޔަން ވާނީ 700 އާއި 1,200 ލަފުޒުގެ ދެމެދުގައި، ޓައިމްސް ނިއު ރޯމަން ފޮންޓުގައި، އިނގިރޭސި ބަހުންނެވެ. އަދި ޕީޑީއެފް ފޯމެޓުގައި ހުށަހަޅަން ވާނީ ދަރިވަރުގެ މައުލޫމާތު ހިމެނޭ ކަވަރު ޕޭޖަކާއި އައިޑީ ކާޑުގެ ކޮޕީއަކާ އެކުގައެވެ.

މުބާރާތުގެ ބައިވެރިން މަޒުމޫނު ހުށަހެޅުމުގެ ސުންގަޑިއަކީ 9 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 23:59 އެވެ. މަޒުމޫނުތައް ފޮނުވަންވާނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް