ފެނަކައިން މިހެން ބުނެފައިމިވަނީ މިދިޔަ އެމްޑީޕީގެ ފަހު ތިން އަހަރު ފެނަކަ ތެރެއިން ހިންގި ކަމަށް ތުހުމަތުކުރެވޭ އެތައް މައްސަލައެއް ހިމެނޭ ހާއްސަ އޮޑިޓެއް އާންމުވެފައި ވަނިކޮށެވެ. އޮޑިޓަ ޖެނެރަލް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި އޮޑިޓް ރިޕޯޓު ބިނާކޮށްފައި އޮތީ 2021 އިން 2023 އަށް ފެނަކަ ހިންގި ގޮތުގެ މައްޗަށެވެ. އޭގެ ތެރޭގައި ވަރަށް ބޮޑެތި ކޮރަޕްޝަންގެ ޖަރީމާތައް އެ ރިޕޯޓުގައި ވެ އެވެ.
އަދި އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްޔެ ވަނީ ކްރިމިނަލް ކޯޓުން އިއްވައިފަ ވަނިކޮށެވެ.
ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން އަޅާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ކުންފުނީގެ މުދަލާއި ހިދުމަތް އުސޫލުތަކާއި ކުންފުނިން ހިންގާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައި އެ ކަންކަން ބެލެހެއްޓުމުގެ ކަންކަން ކުރިއަށްދަނީ ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އިތުރު މޮނިޓަރިން ނިޒާމެއް ގާއިމުކުރާނެ ކަމަށް ފެނަކައިން ބުންޏެވެ.
މީގެ އިތުރުން ފެނަކައިގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާ ކުރުމަށާއި ސްޓޭކްހޯލްޑަރުންނާ މުއާމަލާތް ކުރުމުގެ ނިޒާމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ރިޕޯޓުކުރުމާއި މައުލޫމާތު ހާމަކުރުމުގެ އުސޫލުތައް ހަރުދަނާ ކުރުމަށް ޓަކައި ކުންފުނިން ކުރެވެން ހުރި ކަންކަން ދެނެގަނެ، އެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް ބަޔާނުގައި ވެއެވެ.
ސަރުކާރު ކުންފުނި ފެނަކަ އިން މި ފަދަ ބަޔާނެއް މިރޭ ނެރުނުއިރު ވެމްކޯއިން ވެސް މިރޭ ވަނީ އެކުންފުނީގެ މާލިއްޔަތު ގާނޫނާ ހިލާފަށް މުއާމަލާތްތައް ހިންގާފައިވާކަން އިންޓާނަލް އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާތީ އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ.