އިސްރާއީލުން ގާޒާގެ މުސްލިމުން "ހިސޯރު" ކޮށްފާވާތީވެ އިސްރާއީލަށް ޕްރެޝަރުކުރުމަށް ބައިނަލްއަގްވާމީ އެކްޓިވިސްޓުންނާއި އެކު ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ 44 އުޅަނދެއް ރޭ ފަތިހު ހައިރިސްކު ޒޯނަށް ވަދެފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ފްލޮޓިއްލާގެ އުޅަނދުތައް މިވަގުތު ދަތުރުކުރަމުންދާ ބާރުމިނަށް ބަލާއިރު ރާއްޖޭގެ ގަޑިން ހެނދުނު 8 އާއި 10 އާއި ދެމެދުގެ ވަގުތެއްގައި އިސްރާއީލުގެ ކޯސްޓުގާޑާއި ޑްރޯންތަކާއި ކުރިމަތިލާން ޖެހޭނެ އެވެ.
ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ މި ހަރަކާތުގައި ރާއްޖޭގެ އިންޓަރނޭޝަނަލް އެއިޑުން ވެސް ހަރަކާތްތެރިވެއެވެ. އެ ޖަމްއިއްޔާގެ ޗެއާމަން ވިދާޅުވީ އެ ހަރަކާތުގައި އިބްރާހީމް ޝާޒް (ބޮޑޭ) އާއި އަޒްހަދު އުޅޭ ކަމުގަ އެވެ.
ހަބަރު ލިބޭ ގޮތުގައި މިހާރުވެސް އިސްރާއިލްގެ އަސްކަރީޔާއިން ފްލޮޓިއްލާ އަށް ހަމަލާ ދީ ބައެއް ދޯނިތައް ކަނޑަށް ފައްތާލަން ރާއްވާފައިވާ ކަމަށާއި އަނެއްބައި ދޯނިތައް ކޮންޓުރޯލްގެ ދަށަށް ގެނެސް އެ މީހުން އިސްރާއިލްގެ ބާރުގެ ދަށަށް ގެންނަން ނިންމާފައިވާ ކަމަށެވެ.
އިތުރަށް ހަބަރު ލިބޭ ގޮތުގައި ފްލޮޓިއްލާ އަށް ހިމާޔާތް ކުރުމަށް ތުރުކީ އަދި އެހެންވެސް ގައުމުތަކުން އެ ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގެ އެކި އުޅަނދުތައް ހަރަކާތްތެރި ވާނެ އެވެ.
އިބްރާހީމް ސާޒް ހިމެނޭ އިޓަލީ އިން ނައްޓާލި ބޯޓަކީ ފްލޮޓިއްލާގެ ދަތުރުވެރިންނަށް ބައިނަލްއަގްވާމީ ގާނޫނު ހުއްދަކުރާ ކަނޑުގެ ސަރަހައްދުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް އައި އުޅަނދެކަމުން ގަބޫލު ކުރެވޭ ގޮތުގައި އެ ބޯޓު ހައިރިސްކު ޒޯނަށް ނުވަންނާނެ އެވެ.
ފްލޮޓީލާގެ ދަތުރުގެ ހުރިހާ ކަމެއް އެކި ޕްލެޓްފޯމްތަކުން ވަގުތުން ދުރަށް ދައްކަމުން ދާއިރު ދަތުރުގެ ބައިވެރިން އިލްތިމާސްކުރަނީ އެ މީހުންގެ ހާލަތު ގާތުން ބަލަމުން ދިއުމަށެވެ. މަންޒަރު ދެކެން ބަޔަކު ތިބުމަކީ އިޒްރޭލުގެ އަމަލުތައް ކޮންޓްރޯލްކުރުމަށް ބާރަކަށް ވާނެ ކަމަށް އެ މީހުން ގެންދަނީ ބުނަމުންނެވެ.