މިއަދު ފާހަގަ ކުރަމުން އަންނަ ޗައިނާގެ ގައުމީ ދުވަހާއި ގުޅިގެން ރައީސް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭ ފަދަ ކުޑަ ގައުމުތަކުގެ ހައްގުތައް ރައްކާތެރި ކުރުމަށް ވަކާލާތު ކުރުމުގައި ޗައިނާ އިން މުހިންމު ރޯލެއް ކުޅޭ ކަމަށެވެ.
ރައީސް ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުން ބިނާވެފައިވަނީ އެއްބަސްވުންތަކާއި ކޮންކްރީޓު އަދި ދަގަނޑު ބިނާތަކެއްގެ މައްޗަށް ނޫން ކަމަށާއި ޒަމާންތަކަކަށް ދިގުދެމިފައިވާ ރަހުމަތްތެރި މާޒީ އާއި ތަސައްވުރެއްގެ މައްޗަށް ކަމުގަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ އަބަދުވެސް ބޭނުންވަނީ ޗައިނާ އަށް ގުޅުން އިތުރަށް ބަދަހިވެ ދެ ގައުމު ގުޅިގެން މުހިންމު ލަނޑުދަނޑިތައް ހާސިލް ކުރުކަމުގަ އެވެ.
ރައީސް ފާހަގަ ކުރައްވާގޮތުގައި މުސްތަގުބަލުގައި ވެސް ދެ ގައުމުގެ ދެމެދުގައި މި އޮތް އިތުބާރާއި ޔަގީން އިތުރުވެގެން ދާނެ ކަމަށާއި އެއް ގައުމު އަނެއް ގައުމަށް ދޭން ޖެހޭ އެއްބާރުލުން ދެމުން އަންނާނެ ކަމަށެވެ.
ރައީސް ވަނީ، މުސްތަގުބަލުގައި ވެސް، ސިޔާސީ، ވިޔަފާރި، ތައުލީމު ފަދަ ގިނަ ދާއިރާތަކުން ޗައިނާއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ފުޅާކުރަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.