މިއަދު ހެނދުނު ފުލުހުން ވަނީ އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އެމްޑީޕީއަށް ތުހުމަތު އަމާޒުވާ ގޮތަށް މުޒާހަރާ ހަލަބޮލިކޮށް، މަސްލަހަތު ގެއްލުވައި ތަންތަނަށް ގެއްލުންދޭ މަސައްކަތް ކުރާ ކަމުގައި މައުލޫމާތު ލިބިފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި މިފަދަ ހަމަނުޖެހުމަަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުންގެ އެ ބަޔާނުގައި ހުރި ވާހަކަތައް ކުށްވެރިކޮށް، އެމްޑީޕީން ވަނީ މިއަދު މެންދުރު ބަޔާނެއް ނެރެފަ އެވެ.
މި ބަޔާނުގައި ހުރި ވާހަކަތައް ދޮގުކޮށް އެމްޑީޕީން ދެންމެ ނެރުނު ބަޔާނުގައި ބުނީ، އާޓިފިޝަލް ބީޗުން ފެށުމަށް ހަމަޖެހިފައިވާ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ހުރަސް އެޅުމުގެ ބޭނުމުގެ ބޭނުމުގައި ފުލުހުން ބަޔާން ނެރުނީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެއީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މީގެ އިތުރުން، މިއަދު ފުލުހުންގެ އަމަލުތަށް ބިނާކޮށްފައިވަނީ ޕީއެންސީ ސަރުކާރުގެ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، އިދިކޮޅުން ހިންގާ ސިޔާސީ ހަރަކާތަށް ހުރަސް އެޅުމަށް ކަމަށް ސާފުވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އަދި ފުލުހުންގެ ހިދުމަތް ސިޔާސީ ކުރާ ކަމަށް ތުހުމަތުކޮށް، އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށް ބުނެފައި ވެއެވެ.
އެމްޑީޕީން އަންނަނީ ހުކުރު ދުވަހު ބާއްވާ އެއްވުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އަދި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިއްޔެ ވަނީ އެއީ ވަކި ޕާޓީއެއްގެ އެއްވުމަކަށް ހެދުމުގެ ބަދަލުގައި ކޮރަޕްޝަނާ ދެކޮޅު އެންމެން އެއްވުމުގައި ބައިވެރިވާން ގޮވާލައްވައިފަ އެވެ.