ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެ ސަރަހައްދުގައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.
ރައީސް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފައްޓަވައިދެއްވާނެ ކަމަށާއި މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ތެރެއިން ހަމަޖެހިފައިވާ 4،000 ހައުސިން ޔުނިޓުގެ އިތުރަށް މިއަހަރުތެރޭ ފަށަން ނިންމާފައިވާ މަޝްރޫއެއް ކަމަށެވެ.
އެ 3000 ފްލެޓަކީ އިންޑިއާގެ އެލްއޯސީގެ ދަށުން އެޅުމަށް ނިންމާފައިވާ 4000 ފްލެޓުގެ އިތުރަށް އަޅާ ފްލެޓުތަކެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ އެހީގައި އަޅާ ހައުސިން ޔުނިޓުތަކުގެ މަޝްރޫއު ވެސް އަދި ފެށޭނެ ކަމަށެވެ. ނަމަވެސް އެ ފްލެޓުތައް އަޅަން ފަށާނެ ތާރީހެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.
އެ މަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން އެޅި ފްލެޓްތައް ވެސް، އެއްވެސް އުނިއިތުރެއް ނުގެނެސް، ވައުދުވެވަޑައިގެންނެވި ގޮތަށް ހަވާލުކުރަމުން އަންނަ ކަމަށެވެ.
އަދި މި ސަރުކާރަކީ ރައްޔިތުން ތަފާތުކުރާނެ ސަރުކާރެއް ނޫން ކަމަށެވެ. އެންމެ ކުޑަ އާބާދީ އޮތް ރަށުގެ ރައްޔިތު މީހާއާއި ބޮޑު އާބާދީއަށް ނިސްބަތްވާ ރައްޔިތު މީހާ ވެސް މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.