ޓްރަމްޕް ވިދާޅުވީ ހަމާސްއިން އެމެރިކާއިން ހުށަހަޅާފައިވާ ސުލްހައިގެ ޕްލޭނަށް އެއްބަސްވެފައިވާ ކަމަށާއި ގާޒާގެ ހިންގުން ފަލަސްތީނުގެ ޓެކްނޯކްރެޓްސް އާއި ހަވާލުކޮށް ހަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން ދޫކޮށްލަން އެއްބަސްވެފައިވާ ކަމަށެވެ.
ހަމާސް މިކަމާއި ގުޅިގެން ބުނީ ސުލްހައިގެ އެއްބަސްވުމުގައި ބާކީ ހުރި މާއްދާތަކާއި ބެހޭ ގޮތުން ފަލަސްތީނުގެ ވެރިނަންނާއި ވާހަކަ ދައްކަމުން އަންނަ ކަމަށާއި މި މާއްދާތަކަށް ގޮތެއް ނިންމޭނީ ގާޒާގެ ކުރިމަގާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ބެހޭ ގޮތުން ވާހަކަ ދައްކައިގެން ކަމުގަ އެވެ.
ޓްރަމްޕް ވަނީ އެ ސުލްހައިގެ އެއްބަސްވުމަށް ހަމާސްއިން އެއްބަސްވާން އާދިއްތަ ދުވަހާއި ހަމަޔަށް ތާރީހު ދީފަ އެވެ.
އެ އެއްބަސްވުމަށް އެއްބަސް ނުވެއްޖެ ނަމަ އެމެރިކާއިން އެ ހަގުރާމައަށް ވަދު ހަމާސް އެކޮށް "ފޮހެލާނެ" ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދީފަ އެވެ.
ހަމާސް އިން މި ސުލްހައިގެ ޕްލޭނަށް އެއްބަސްވުމާއި ގުލިގެން ޓްރަމްޕްވަނީ އެކަމަށް މަރުހަބާ ދަންނަވާފަ އެވެ
ޓްރަމްޕް ފާހަގަ ކުރެއްވި ގޮތުގައި ސުލްހާއިގެ އެއްބަސްވުމާއި ބެހޭ ގޮތުން އެމެރިކާ އާއި ހަމާސް އާއި ވާހަކަ ދައްކަމުން ދާ ކަމަށާއި މިއީ ހަމައެކަނި ގާޒާގެ ސުލްހައަށް ކުރާ ކަމެއް ނޫން ކަމަށާއި މިކަމުގެ ސަބަބުން މުޅި މެދު އިރު މައްޗަށް ސުލްހަ މަސަލަސްކަން ލިބިގެންދާނެ ކަމުގަ އެވެ.
މި ސުލްހައިގެ ޕްލޭން ޓްރަމްޕް އިއުލާނު ކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހު ޓްރަމްޕާއި އެކު އިޒްރާއިލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ހުރިކަން ފާހަގަ ކުރެއްވެ އެވެ.
މިކަމާއި ގުޅިގެން ނަތަންޔާހޫ ބުނީ މި ސުލްހައިގެ ޕްލޭނަށް އިޒްރާއިލުން ތާއީދު ކުރާކަމަށާއި ސަބަބަކީ މި އެއްބަސްވުމުގެ ހަމާސްއިން ހައްޔަރުކޮށްފައިވާ އިޒްރާއިލްގެ އަސީރުންނައް އެ މީހުންގެ ގައުމަށް އެނބުރި އާދެވޭތީ އާއި އިޒްރާއީލް އަށް ގާޒާގެ ފަރާތުން ކުރިމަތިވެފައިވާ ނުރައްކަލުން އެ ގައުމު ސަލާމާތް ވާން މަގުފަހި ވާނެތީ ކަމުގަ އެވެ. ނަތަންޔާހު އިތުރަށް ފާހަގަ ކުރި ގޮތުގައި މި އެއްބަސްވުމަށް ހަމާސް އިން އެއްބަސް ނުވެއްޖެޔާ އިޒްރާއިލުން އެކަނި އަރައިގެންވެސް ހަމާސް އެއްކޮށް ނެތިކޮށްލާނެ ކަމަށެވެ.
ނަމަވެސް ފަހުން އިޒްރާއިލްގެ ޓީވީ އެއްގައި ނަތަންޔާހޫ ބުނީ އެއްބަސްވުމަށް ހަމާސްއިން އެއްބަސްވިޔަސް އިޒްރާއިލް ސިފައިން ގާޒާ ދޫކޮށް ނުފައިބާނެ ކަމަށާއި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން އިޒްރާއިލުން އެއްބަސް ވެފައި ނުވާނެ ކަމަށެވެ.