ޝަރުއީ ދާއިރާއާ ގުޅުން ހުރި އިދާރާތައް ނުވަތަ ތަންފީޒީ އިދާރާތަކުގެ މުސާރައިގެ އޮނިގަނޑު ރަނގަޅު ކަމަށާއި އެ ގޮތަށް ބަލައިފި ނަމަ ޝަރުއީ ދާއިރާއަކީ "އެއްވެސް ބާރެއް ނެތް" ބާރެއް ކަމަށް ރިޒާ މިއަދު ވިދާޅުވީ މައްސަލަތައް ނުނިމި ލަސްވާ މައްސަލަ އާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލާ ބެހޭ ގޮތުން މަޝްވަރާކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ.
ރިޒާ ވިދާޅުވީ، މައްސަލަތައް ނިންމުން ލަސްވާ ސަބަބުތަކުގެ ތެރޭގައި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުން އެދިގެން ވެސް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުން ހިމެނޭ ކަމަށެވެ. ފުލުހުން ހާޒިރުކުރަން ޖެހޭ ހެކިން ހާޒިރު ނުކުރެވިގެން މައްސަލަތައް ކެންސަން ކުރަން ޖެހުމަކީ ވެސް މައްސަލަތައް ލަސްވާ ސަބަބެއް ކަމަށް ރިޒާ ވިދާޅުވި އެވެ.
އަދި މުސާރަ އާއި އިނާޔަތްތައް ބޮޑު ނުވާތީ ކޯޓުތަކަށް އެކަށީގެންވާ މުވައްޒަފުން ނުލިބޭ ކަމަށް ރިޒާ ވިދާޅުވިއެވެ. އޭގެ އިތުރުން ރިޒާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޯޓުތަކުގެ އިމާރާތްތަކުގެ ހާލަތު ގޯސްވުމާއި އިމާރާތްތައް އެކަށީގެންވާ ވަރަށް ނެތުމަކީވެސް މައްސަލަތައް ލަސްވާ ކަމެކެވެ.