ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރު ދެނެގަތުމަށްޓަކައި ހާއްސަ ޑްރަގް ޕްރިވަލެންސް ސާވޭއެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ.
މި ސާވޭ ހެދުމުގެ އަމަލީ މަސައްކަތްތަކުގެ ތެރެއިން، ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާކޮށް ޑޭޓާ އެއްކުރުން މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރުގެ ޖަވާބުގައިވެއެވެ. އެގޮތުން، ފުލުހުންގެ ހިދުމަތާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަދި ކޯޓުތަކާ ގުޅިގެން ޑޭޓާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވިއެވެ. މީގެ އިތުރުން، މި ސާވޭ ހެދުމުގައި އިންޓަނޭޝަނަލް އެހީތެރިކަން ހޯދުމަށް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގައި އެދިފައިވާނެ ކަމަށާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއެކުވެސް މަޝްވަރާތައް ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމަށް ތައްޔާރުކުރި ޑްރާފްޓް، އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސްލާހުތަކާއެކު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ އިންތިހާއަށް ގޮސްފައިވާއިރު، އެކަން ހައްލުކުރުމަށް ސަރުކާރުން ދަނީ ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ހާއްސަ އޮޕަރޭޝަންތައް ހިންގައި، މި ވިޔަފާރީގައި ހިމެނޭ މީހުން އަތުލައިގަންނަމުންނެވެ.