މިއަދު އޮޑިޓް ގާނޫނަށް ބަދަލުގެނެއުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އަބަދުވެސް ރައްޔިތުންނަށް އޮޅޭގޮތަށް ކޮންމެ ފަހަރަކުވެސް ކޮރަޕްޝަންގެ ވާހަކަ ދެކެވޭ ކަމަށާއި ގިނަ ފަހަރަށް ކޮރަޕްޝަންގެ ވާހަކަ ދައްކަވަނީ އެކަން ކުރަން ބޭނުންވާ ބޭފުޅުން ކަމުގަ އެވެ.
ކޮރަޕްޝަނަކީ ހަމައެކަނި ތަނެއްގައި ހުރި ލާރިތަކެއް ފިލައިގެން ދިއުން އެކަނި ނޫންކަމަށާއި ރައްޔިތުން މެދުގައި ހަމަ ނުޖެހުން އުފެދޭ އަދި އޮޅޭ ގޮތަށް ދޮގު ވާހަކަ ފެތުރުމަކީ ހަމަ ކޮރަޕްޝަން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ކޮރަޕްޝަން ގެ މާނަ އެތަށް ގޮތަކަށް މިހާރު ނަގަން ޖެހިފައިވާ ކަމަށާއި ކޮރަޕްޝަން ނެތިކޮށް ރައްޔިތުންގެ މެދުގައި ހަމަހަމަ ކަން ގާއިމް ކުރާނެ ކަމަށް ބުނެ ނިކުތް މީހުން އެންމެ ފަހުން މުޅި ރާއްޖެ ކޮރަޕްޓް ކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނައް ރަނގަޅު އަދި ހެޔޮލަފާ ވެރިކަމެއް ހިންގިޔަ ނުދީގެންވެސް މިި އުޅެނީ އެއްކަލަ ރައްޔިތުންގެ މެދުގައި ހަމަ ހަމަ ކަން ގާއިމް ކޮށްދޭނެ ކަމަށް ބުނެ ނިކުތް މީހުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި ދިވެހި ރާއްޖެ އަށް ކޮރަޕްޝަނަކީ ކޮންޗެއްކަން ދަސްކޮށްދިނީވެސް ހަމަ އެ ކޮރަޕްޝަން ނައްޓާލަން ކަމަށް ބުނެ އިސްލާހީ މަސައްކަތް ފެއްޓެވި ބޭފުޅުން ކަމަށާއި އެ ބޭފުޅުން ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުތަކާއި ރަށްތަކާއި ގިރިތަކާއި އަދި ދައުލަތުގައި ހުރިޔާ ހުރި މުދަލެއް ބޭރުގެ ގައުމުތަކަށް، ގާތް ދިމާގެ މީހުންނަށް އަދި ޕާޓީގެ އިސްވެރިންނައް ބަހާ ހުސް ކޮށްފައި ކަމުގަ އެވެ.
މިކަން ހައްލު ވަނީ ހުރިހާ ބޭފުޅުންވެސް އިހްލާސްތެރިކަމާއި އެކު ރައްޔިތުންނައް ހިދުމަތް ކުރަން ނިކުމެގެން ކަމަށާއި ޑރ. މުއިއްޒުގެ ވެރިކަމުގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ދަނީ ގައުމަށް ދިމާވެފައިވާ މިފަދަ ބޮޑެތި މައްސަލަތައް ހައްލުކޮށް ރާއްޖެ އަކީ ކޮރަޕްޝަނުން ސަލާމަތް ވެފައިވާ ބަޔަކަށް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މިހާރުވެސް ދަނީ ރައްޔިތުންނައް ދިމާވެފައިވާ ދަތިތަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކާއި ވަރަށް އުނދަގޫ ނިންމުންތަކެއް ނިންމަވަމުން ކަމަށާއި ރައްޔިތުންނައް އިހްލާސްތެރިކަމާއި ތެދުވެރިކަމާއި އެކު މަސައްކަތް ކޮށްދޭން ބޭނުންވާ ވެރިންގެ ނިޔަތަކަށް ވާން ޖެހޭނީ ރައްޔިތުންނައްޓަކާއި ކިތަންމެ އުނދަގޫ ނިންމުމެއްވެސް ނިންމުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ރައްޔިތުނައްޓަކާއި ކަންކަންކޮށްދޭން އެދޭ އިރު ގައުމުގެ ހާލަތަށްވެސް ބަލަން ޖެހޭ ކަމަށާއި އިހްލާސްތެރި ކަމާއި ތެދުވެރިކަމާއި އެކު ރައްޔިތުންނައް ހިދުމަތް ކުރަން އެދޭ ވެރިއެއް ރާއްޖޭގައި ވެރިކަން ކުރާނަމަ ރައްޔިތުންގެ މުއްސަދިކަން އިތުރުވެގެން ދާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.