އަޒާން މިކަމަށް ގޮވާލެއްވީ، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މާލީ ބަޔާން ހާމަކުރުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކަށް ބަހުސް ކުރައްވަމުންނެވެ.
އަޒާން ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކާއި ސިފައިންނާއި ފުލުހުން އަދި ކަސްޓަމްސް ފަދަ މުހިންމު އިދާރާތަކުގެ އިސްވެރިންނަކީ ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ބައެއްގެ ގޮތުގައި ހަމަޖައްސަން ޖެހޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އެކި ސަރުކާރުތަކުގައި ދައުލަތުގެ އިސް މަގާމުތަކަށް އައްޔަންކުރާ ބޭފުޅުން، މަގާމުގެ ދައުރު ނިމިގެންދާއިރު ބޮޑެތި މުއްސަނދިންނަށް ވެފައި ތިބޭއިރު، އެއީ ރާއްޖޭގައި ކޮރަޕްޝަން އިންތިހާއަށް އާންމުވެފައިވާކަމުގެ ހެއްކެއް ކަމަށެވެ. އަދި މިހާރު ހުރި ގާނޫނުތަކުން މިކަމަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާ ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިސްވެރިންގެ މާލީ ބަޔާން ހާމަކުރުމުގެ އިތުރުން، އެ ބޭފުޅުންގެ އަނބިން، ފިރިން، އަދި 18 އަހަރުން ދަށުގެ ދަރިންގެ މާލީ ބަޔާން ވެސް ހާމަކުރަން ޖެހޭނެ ކަމަށް އަޒާން ގޮވާލެއްވިއެވެ. އޭނާ ވިދާޅުވީ، ބޮޑެތި މަގާމުތަކާ ހަވާލުވުމުގެ ކުރިން އާއިލާގެ އެހެން މީހުންގެ ނަމަށް މުދަލާއި ފައިސާ ބަދަލުކުރުމަކީ ރާއްޖޭގައި އާންމުވެފައިވާ ކަމެއް ކަމަށާއި، މިފަދަ އަމަލުތައް ހުއްޓުވޭނީ ގާނޫނަށް މި ބަދަލުތައް ގެނެސްގެން ކަމަށެވެ. މި ބަހުސްގައި ވާހަކަ ދެއްކެވި އެހެން މެންބަރުން ވެސް ވަނީ ހަމައެކަނި މަޖިލިސް މެންބަރުންގެ ބަދަލުގައި މިނިސްޓަރުންނާއި އެހެނިހެން އިސްވެރިން ވެސް މާލީ ބަޔާން ހާމަކުރުމަށް ތާއީދުކޮށްފައެވެ.