ފުރަތަމަ މަރުހަލާގެ ތެރެއިން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކުރަން ހަމަޖެހިފައިވާއިރު، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބައެއް މީހުން ވެސް މިނިވަން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ގާޒާގައި ތިބި އިޒްރޭލުގެ ސިފައިން ދެ ފަރާތުން ވެސް އެއްބަސްވާ ހިސާބަކަށް ފަހަތަށް ޖެހުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ހަމާސް އިން ނެރުނު ބަޔާނެއްގައި ވަނީ އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަ ކުރުމަށް އިޒްރޭލަށް ބާރުއެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އަރަބި ގައުމުތަކަށް ގޮވާލާފަ އެވެ.
ޓްރަމްޕުގެ ހުށަހެޅުމުގައިވާ ގޮތުން ގާޒާ އަކީ "ޓެރަރިޒަމް ނެތް" ތަނަކަށް ހަދައި ފަލަސްތީނުގެ އާ ސަރުކާރެއް ހަމާސްގެ ބައިވެރިވުމެއް ނެތް ގޮތަށް ހަދާނެ އެވެ. އަދި އެގޮތަށް އުފައްދާ ސަރުކާރެއް އެމެރިކާއިން ބަލައިގަނެ، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގައި ވެސް ބައިވެރިވާން އެމެރިކާއިން ވަނީ އެއްބަސްވެފަ އެވެ.
އަދި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ދެ ހާހެއްހާ ގައިދީން މިނިވަންކުރަން އެއްބަސްވެފައިވާ ކަމަށް ބުންޏެވެ. މީގެ އިތުރުން ގާޒާގެ އާންމުންނަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފެށުން ވެސް އެއްބަސްވުމުގައި ހިމެނެ އެވެ.
މީގެ އިތުރުން ގާޒާގެ އާންމުންނަށް ހަނގުރާމައިގެ ސަބަބުން ވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ އަލުން ބިނާކުރުން ވެސް ހިމެނެ އެވެ.
ހަމަލާތައް ހުއްޓާލަން އެއްބަސްވި އިރު މި މަހުގެ ހަތް ވަނަ ދުވަހު ވަނީ މި ހަމަލާތަކަށް ދެ އަހަރު ވެފަ އެވެ.
އިޒްރޭލުން ގާޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާއިރު، އެ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން ވަނީ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.