މި މައްސަލައިގައި އެމްޕީއެލްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ "މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރެއްގައި ހުރި ދުންފަތުގެ ބާވަތެއް އެމްޕީއެލްގެ ހުޅުމާލެ ޓާމިނަލްއިން ގެއްލިފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން އިން ދަނީ ތަހުގީގު ކުރަމުން" ކަމަށެވެ.
ފުލުހުންގެ ތަހުގީގުގެ މަރުހަލާގައި އެ މައްސަލަ އޮތުމާ އެކު އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެމްޕީއެލްއިން ހިއްސާނުކުރެ އެވެ.
ނަމަވެސް އެ ކުންފުނިން ބުނީ އެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓުތަކުން އެތެރޭގެ ތަހުގީގެއް ވެސް ކުރިއަށްގެންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެއީ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓެވެ. އެއީ ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައި ހުރި ތަކެއްޗެވެ. އެ އެއްޗެހި ހުރީ ޕޯޓްސް ކުންފުނި، އެމްޕީއެލްގެ ހަވާލުގަ އެވެ.
މި ފަހުން ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، އައްޑޫ ސިޓީ ވިޔަފާރި ބަނދަރުން ވަގަށް ނެރެން އުޅުނު 15 މިލިއަން ރުފިޔާގެ ސިނގިރޭޓު ވެސް މިދިޔަ މަހު އަތުލައިގެންފައި ވެއެވެ.
ސިނގިރޭޓާ ދުރުކުރަން ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކޮށް، ސިނގިރޭޓު ފޮއްޓެއްގެ އަގު 240 ރުފިޔާއަށް ޖެހުނު ފަހުން ރާއްޖޭގެ ބާޒާރުގައި ގިނަ އަދަދެއްގެ ވަގު ސިނގިރޭޓު އަންނަނީ ދައުރުކުރަމުންނެވެ. އެ ފަދަ ޝިޕްމަންޓުތައް ދޭތެރެއަކުން އަތުލައިގަނެ އެވެ.