ads
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެވޯޑު ހާސިލްކުރި ފަރާތްތަކާ އެކީ މިނިސްޓަރު ތޯރިގު އިބްރާހީމް ފޮޓޮއަކަށް ހުއްޓިވަޑައިގެން - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މޯލްޑިވްސް ޓޫރިޒަމް އެވޯޑް: 8 ފެސިލިޓީއަކަށް 10 އެވޯޑެއް ދީފި
މިއަހަރުގެ މޯލްޑިވްސް ޓުއަރިޒަމް އެވޯޑް ހަފްލާގެ ތެރެއިން 8 ފެސިލިޓީއަކަށް ޖުމްލަ 10 އެވޯޑެއް ދީފި އެވެ.
Advertisement

ޓޫރިޒަމް ދާއިރާގެ ހިދުމަތް ދޭ ގިނަ ފަރާތްތަކެއް ބައިވެރިވެ، ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި މުޖުތަމައު ބާރުވެރިކުރުވުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އެވޯޑުތައް ދީފައިވެ އެވެ.

އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި މި ކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވި އެވެ .

އެގޮތުން، ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީކުރުމަށް މަގު ފަހިކޮށްދީ، މި ސިނާއަތަށް ސަރުކާރުގެ ފަރާތުން ބޭނުންވާނޭ އެހީތައް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އެވޯޑު ތައާރަފުކޮށްފައިވަނީ 2022 ވަނަ އަހަރެވެ. މިއަހަރު އެވޯޑު ހޯދި ފަރާތްތައް:

1- ޖޯލި މޯލްޑިވްސް - ސްޓާފް ވެލްބިއިން އެވޯޑު
2- ކޮންރަޑް މޯލްޑިވްސް - އެޗްއާރު ޑިވެލޮޕްމަންޓް އެވޯޑު
3- ޖޯލި މުރަވަންދޫ މޯލްޑިވްސް - މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ
4- ޖޯލި ބީން ބޮޑުފުށި - އެންވަޔަރަމަންޓް ސަސްޓެއިނިބިލިޓީ އެވޯޑު
5- ހޮޓެލް ޖެން - މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ
6- ހޮޓެލް ޖެން - އެންވަޔަރަމަންޓް ސަސްޓެއިނިބިލިޓީ އެވޯޑު
7- ކާނި ހޮޓެލްސް - މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ
8- ޓްރައިޓަން ޕްރިސްޓީޖް - އެންވަޔަރަމަންޓް ސަސްޓެއިނިބިލިޓީ އެވޯޑު
9- ވޮޔޭޖަސް މޯލްޑިވްސް - އެކްސެލެންސް އެވޯޑް - ޓްރެވަލް އެޖެންސީ
10- ބެސްޓް ޑައިވްސް - އެކްސެލެންސް އެވޯޑްު - ޑައިވް ސެންޓަރު

ޓްރެވަލް އޭޖެންސީތަކަށާއި ރިސޯޓުތަކާއި ރަށްރަށުގައި ހުންނަ ޑައިވް ސެންޓަރުތަކަށް ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ދެއްވާ އެކްސެލެންސް އެވޯޑް ވެސް ހިމެނެ އެވެ. އެ އެވޯޑުތަކަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވަޒަންކުރީ ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ތިން މީހުންގެ ޕެނަލަކުންނެވެ.

އެގޮތުން މިއަހަރު އެވޯޑު ދީފައިވަނީ 2023 ވަނަ އަހަރުގެ ޖޫން އިން މިދިޔަ އަހަރުގެ މޭއިމަހުގެ ނިޔަލަށް އެވޯޑްތަކަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ އޮގަސްޓްގެ ނިޔަލަށް ރާއްޖޭގައި 175 ރިސޯޓާއި 843 ގެސްޓްހައުސް އާއި 16 ހޮޓާގެ އިތުރުން 158 ސަފާރީ އުޅަނދު، ޓޫރިޒަމްގެ ބޭނުމަށް ދިޔައީ ބޭނުންކުރަމުންނެވެ.

މި މުއްދަތުގައި ރިސޯޓްތަކުގައި ހުރީ 43،589 އެނދެވެ. ގެސްޓްހައުސްތަކުގައި 14،372 އެނދު ހުރިއިރު ހޮޓާތަކުގައި 2،230 އެނދު އަދި ސަފާރީ އުޅަނދުތަކުގައި 3،159 އެނދު ހުއްޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް