އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ، ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް އަތްފޯރާ އަގުގައި ދިނުމަށް ހިންގާ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ތަންތަން ކަމަށެވެ. އެހެންކަމުން، އެފަދަ ފްލެޓެއް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ، ފްލެޓް ލިބުނު ފަރާތާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށްވެސް ބުންޏެވެ.
މިކަމާ ގުޅިގެން، އެޗްޑީސީން ދޫކޮށްފައިވާ ޔުނިޓްތައް ކުއްޔަށް ދީފައިވޭތޯ ބަލަމުންދާނެ ކަމަށާއި، އެއްބަސްވުމާ ހިލާފުވާ ފަރާތްތަކާމެދު އެއްބަސްވުމުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ. ސޯޝަލް ހައުސިންގެ މަގުސަދަކީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި، އެތަންތަން ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ މި އިއުލާނާ ދިމާކޮށް، ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވެސް ވަނީ އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނުގެ އެއްބަސްވުން ބާތިލްކޮށް، އެތަންތަން ދައުލަތަށް ނެގުމަށް ހާއްސަ އޮޕަރޭޝަނެއް ފަށަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. މި މައްސަލަ ބޮޑުވެފައިވަނީ، ސޯޝަލް ހައުސިންގެ ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000 ރުފިޔާ އަށް ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި އިސްތިހާރު ކުރުމާ ގުޅިގެންނެވެ.