މި މައްސަލަ ފެންމަތިވެފައިވަނީ އެ ޕާކުގައި ގިނަ އަދަދެއްގެ ދޫންޏާއި މަސް މަރުވެފައިވާތަން ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެއީ ގަސްތުގައި ބަޔަކު ހިންގި އަމަލެއް ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން ޑަކް ޕާކުގައި އުޅޭ ގިނަ ދޫންޏާއި މަސް މަރުވެފައިވާތަން ފެނެއެވެ. މިކަމާ ގުޅިގެން ފުލުހުންގެ އޮފީހުން ބުނީ، ޑަކް ޕާކުގައި އުޅޭ ދޫންޏާއި މަސް މަރުވަމުންދާ މައްސަލަ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ދިރުންތައް މަރުވި ސަބަބު އަދި ކަށަވަރުވެފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
މިއީ މިފަދަ ހާދިސާއެއް އައްޑޫގައި ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އައްޑޫ ސިޓީގެ ކުޅިއަކަށް ކުލޮރިން އަޅައިގެން ގިނަ އަދަދެއްގެ މަސް މަރާލާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ރާއްޖޭގެ ގުދުރަތީ ގޮތުން ދިރުންތައް އާލާވާ ސަރަހައްދުތަކުގައި އުޅޭ ދޫންޏާއި މަހަކީ ގާނޫނުންނާއި ރާއްޖެ ބައިވެރިވެފައިވާ އިންޓަނޭޝަނަލް މުއާހަދާތަކުން ހިމާޔަތް ލިބިފައިވާ ދިރުންތަކެކެވެ. އެފަދަ ދިރުންތަކަށް ގޯނާކުރުމާއި މެރުމަކީ މަނާ ކަމެކެވެ.