މިދިޔަ ދެ ހަފުތާގެ ޓެސްޓިން މަރުހަލާއަށް ފަހު، މި ނިޒާމު ބޭނުންކުރަން ފަށާފައިވާއިރު، މިއީ ތިމާވެއްޓާ ރައްޓެހި ޓޫރިޒަމެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ސީސީއާރުން ބުނީ، މި ޕްރޮޖެކްޓުގެ ދަށުން އެ ރިސޯޓުގައި ޖުމްލަ 3،003 ސޯލާ ޕެނަލް ބަހައްޓާފައިވާ ކަމަށެވެ. މި ޕެނަލްތަކުން 1،441 ކިލޯވޮޓްގެ ހަކަތަ އުފެއްދޭނެއެވެ. އޮސްޓްރިއާގެ ސްވިމްސޮލް ކުންފުންޏާ ހަވާލުކޮށްގެން މިދިޔަ އަހަރު ޖުލައި މަހު ފެށި މި މަސައްކަތުގެ ސަބަބުން ރިސޯޓުގެ ދުވާލުގެ ވަގުތުތަކަށް ބޭނުންވާ ހަކަތަ މިހާރު ފޯރުކޮށްދެނީ އިރުގެ އަލިންނެވެ.
މި އާ ނިޒާމުގެ ސަބަބުން ދުވާލެއްގެ މައްޗަށް 4،750 ކިލޯގްރާމްގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވުން ހުއްޓޭނެ ކަމަށް ސީސީއާރުން ފާހަގަކުރެއެވެ. ރިސޯޓުގެ ޖެނެރަލް މެނޭޖަރު ފަތުހުﷲ އިބްރާހިމް ވިދާޅުވީ މޫސުން ރަނގަޅު ދުވަހެއްނަމަ މުޅި ރަށް އެއްކޮށް ސޯލާ ހަކަތައިން ހިންގޭނެ ކަމަށާއި މިއީ އަހަރެއް ކުރިން ހަގީގަތަކަށް ވާނެ ކަމަށް ގަބޫލުކުރެވުނު ކަމެއް ނޫން ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ކުރިމަގުގައި މުޅި ރިސޯޓު ހަމައެކަނި އަވީގެ ހަކަތައިން ހިންގުން ކަމަށްވެސް ފާހަގަކުރެއެވެ.