އައްޑޫ ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އެހުމަށް ނިންމި ނިންމުން ބަދަލު ކުރެއްވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުން އެގޮތަށް ފާސްކުރުމަށްފަހު ރައީސް ނެރުއްވި ގަރާރަކުންނެވެ.
އެހެންކަމުން މިމަހު 25 ގައި އޮންނަ ވޯޓުގައި ދެން ހިމެނޭނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ބެހޭ ސުވާލުތައް އެކަންޏެވެ.
މީގެ ކުރިން ރައީސް ނިންމާފައި އޮތީ ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމާ ގުޅޭގޮތުން ވެސް ރައްޔިތުންގެ ހިޔާލު ހޯދުމަށެވެ.
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް މި މަހު ނަގާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ.
އެ އިންތިހާބު އޮންނާނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ އެ ރަށްތަކުގެ ރައްޔިތުންނަށް އެކަންޏެވެ.
މިހާރު އައްޑޫގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށުގެ އިތުރަށް، ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.
އައްޑު އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގުމުގެ ބަދަލުގައި ވަކިވަކި ކައުންސިލްތައް ހަދައިގެން "އައްޑޫ ރުޅާލަން" ރައީސް މުހައްމަދު މުއިއްޒު އުޅުއްވަނީ އައްޑޫއަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭނެކަން ޔަގީންވުމުން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.