ads
ރައީސް މުއިއްޒުގެ ކެބިނެޓް
ކެބިނެޓުން ބޭނުން ކޮންމެ މަޝްރޫއެއް ބިޑަކާނުލާ ދެވޭގޮތަށް ބަދަލު ގެނެސްފި
ބިޑަކާ ނުލާ މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވައިދަށް އިސްލާހެއް ގެނެސްފި އެވެ.
Advertisement

މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސް އިއްޔެ އަމަލުކުރަން ފެށިއިރު، "ސިންގަލް ސޯސް ޕްރޮކިއުމަންޓް"ގެ އުސޫލުން ތަކެތި ގަތުން ނުވަތަ ޚިދުމަތް ހޯދުމާ ގުޅޭ ގަވައިދުތަކަކަށް އިސްލާހު ގެނެސްފައި ވެއެވެ.

މާލިއްޔަތު ގަވާއިދުގައި އޮންނަނީ "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ މަގުސަދަކީ ވާދަވެރި ބީލަމަކަށް ވަގުތު ނެތް ހާލަތްތަކުގައި ނުވަތަ އޭގެ އަގުގެ ގޮތުން ވާދަވެރި މާހައުލެއްގައި އެ ބީލަމަކަށް ތަރުހީބު ލިބިދާނެ ކަމަށް ނުފެންނަ ހާލަތްތަކުގައި ހޯދަން ބޭނުންވާ އެއްޗެއް ނުވަތަ ހިދުމަތެއް އެކަށީގެންވާ ގޮތެއްގައި ހޯދުން، ނުވަތަ ކުރުވަން ބޭނުންވާ މަސައްކަތެއް އެކަށީގެންވާ ގޮތެއްގައި ކުރުން ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ވަނީ މި އަހަރުގެ ފެބްރުއަރީގައި، މާލިއްޔަތު ގަވާއިދު ބަދަލުކޮށް، ސަރުކާރުން ބޭނުންވާ ގިނަ ކަންކަން މި އުސޫލުގެ ދަށުން ހަވާލުކުރެވޭ ގޮތަށް ބަދަލުކޮށްފަ އެވެ. މިހާރު އެ ގަވާއިދުގައި އޮތީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކަށާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި، ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް މި ގޮތަށް ހަވާލުކުރެވޭ ގޮތަށެވެ.

މާލިއްޔަތު ގަވައިދަށް އިއްޔެެ ގެނައި އަނެއް އިސްލާހަކީ ބައެއް މަޝްރޫއުތަކުގެ ބިޑް ސެކިޔުރިޓީ އާއި ޕާފޯމަންސް ގެރެންޓީ ނުވަތަ އެޑްވާންސްޑް ޕޭމެންޓު ގެރެންޓީ ނެގުން އިސްތިސްނާކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބޭގޮތަށް ގެނައި އިސްލާހެވެ.

އެގޮތުން، ޕީއެސްއައިޕީގެ މަޝްރޫއެއް މިނިސްޓްރީ އަކުން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައި، ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ކެބިނެޓު ނުވަތަ ކެބިނެޓުގެ ކޮމެޓީއަކުން ކަނޑައަޅާ ވަކި މަޝްރޫއެއްގެ އެޑްވާންސް ޕޭމެންޓު ނެގުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ފިނޭންސް މިނިސްޓަރަށް ދީފައިވެ އެވެ.

މަޝްރޫއު ހަވާލުކުރާ ފަރާތުން އެޑްވާންސްޑް ފައިސާ ދޫކޮށްދޭން އެދިއްޖެ ނަމަ ޖުމްލަ އަގުގެ %15 އަށް ވުރެ ބޮޑުނުވާ އަދަދަކަށް އެ ފައިސާ ދޫކުރެވޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

މި އިސްލާހަށް އަަމަލު ކުރަން ކަނޑައަޅާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 26 އިން ފެށިގެން މުއްދަތު ގުނާގޮތަށް2 އަހަރުގެ މުއްދަތަކަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، މި ހިނގައިދިޔަ މުއްދަތުގައި ސަރުކާރުގެ މަޝްރޫއުތައް ހަވާލުކުރަމުން އަންނަނީ ވާދަވެރި މާހައުލެއް ނެތި ސަރުކާރު ކުންފުނިތަކާއެވެ. އެހެންވެ އަމިއްލަ ކުންފުނިތަކުން އެކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް