ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އިއުލާނުކުރި ގޮތުގައި އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ މައިންގެ ގައިން ތުއްތުދަރިފުޅަށް އެރުން ރާއްޖޭން މިހާރު ވަނީ ނައްތާލައިފަ އެވެ. މީގެ ތެެރެއިން އެޗްއައިވީ އާއި ސިފިލިސް މައިންގެ ގައިން ތުއްތު ދަރިންނަށް އެރުން ހުއްޓުވާފައިވާކަން ޑަބްލިއުއެޗްއޯ އިން 2019 ވަނަ އަހަރު ވަނީ ބަލައިގެންފަ އެވެ.
މައިންގެ ގައިން ތުއްތު ދަރިންނަށް ތިން ބައްޔެއް އެރުން ހުއްޓުވި ފުރަަތަމަ ގައުމަށް ރާއްޖެ ވީ، ހެޕަޓައިޓިސް-ބީ އެގޮތަށް ފެތުރުން ހުއްޓުވުނުކަން ޑަބްލިއުއެޗްއޯއިން ބަލައިގަތުމާ އެކުގަ އެވެ.
ރާއްޖޭގެ މިކާމިޔާބީއަށް ތައުރީފުކުރައްވައި ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރިޔޭސުސް ވިދާޅުވީ މައިންނާއި ތުއްތު ކުދިންގެ ސިއްހީ ހާލަތު ރަނގަޅުކުރަން ރާއްޖޭގެ ޕޮލިޓިކަލް ވިލް ވަރުގަދަ ކަމަށާއި އެކަމަށް ރަނގަޅަށް އިންވެސްޓްކޮށްފައިވާ ކަމަށެވެ.
މައިންގެ ގައިން ތުއްތު ދަރިންނަށް ބަލިތައް ފެތުރުމަކީ ކޮންމެ އަހަރަކު އެތައް މިލިޔަން ކުދިންނަކަށް އެކި ބަލިތައް ފެތުރޭ ގޮތެކެވެ. ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް ދައްްކާ ގޮތުން، ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އެކަނި، ސިފިލިސް ޖެހިފައިވާ 23،000 މައިން ވިހޭ އިރު، އެ މީހުންގެ ފަރާތުން 8،000 ކުއްޖަކަށް އެ ބަލި ޖެހުނެވެ. އަދި އެޗްއައިވީ ހުރި 25،000 އަންހެނަކު ވިހޭ އިރު ކުދިންނަށް އެބަލި ފެތުރުނެވެ. އަދި ހަމަ މި ސަރަހައްދުގައި ހެޕަޓައިޓިސް-ބީ 42 މިލިޔަން މީހަކަށް ޖެހިފައިވެ އެވެ.
ޑަބްލިއުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެެކްޓަރު ޑރ. ކެތަރިން ބޮއިމީ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކާމިޔާބީ އަކީ އެންމެންނަށް ރަނގަޅުފެންވަރުގެ ސިއްހީ ހިދުމަތްދޭން ރާއްޖޭން މަސައްކަތްކުރާ ކަމަށް ހެކިދޭ ކާމިޔާބީއެކެވެ.
މިކަމާއި ގުޅިގެން ރައީސް ޑރ. މުއިއްޒު ވެސް ވަނީ ޕޯސްޓެއް ކުރައްވާފައި އެވެ.
އެ ޕޯސްޓުގައި ވާ ގޮތުން މިއަދު ރާއްޖެއަށް ވަރަށް ފަހުރުވެރި ދުވަހެއް ކަމަށާއި މައިންގެ ގައިިން ތުއްތު ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ނުފެތުރޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވުމަކީ އިންތިހާ އަށް ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ މިފަދަ ބޮޑު ކާމިޔާބީ އެއް ހޯދުމުގެ އަދީގައި ތިބި ސިއްހީ ހިދުމަތްތެރިންނަށާއި އެހެންނިހެން ބޭފުޅުންނައް ހިތުގެ އަޑިން ސުކުރު އަދާ ކުރައްވާފައި އެވެ.