ހޯމްލޭންޑް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވޯކް ޕާމިޓްތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، މިއަދުން ފެށިގެން ވޯކް ޕާމިޓާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ހަލާސްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމަށްފަހު، ވޯކް ޕާމިޓްތައް ބާތިލުކުރެވޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ބާތިލުކުރާ ވޯކް ޕާމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒް ކުރެވޭނީ، އެ ޕާމިޓަކާ ގުޅިގެން ދައްކަން ޖެހޭ ހުރިހާ ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ހަލާސްކުރުމުން ކަމަށެވެ.
ހޯމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބިދޭސިންނާ ގުޅުންހުރި ފީތަކުން ދައުލަތަށް ނުލިބިވާ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްޑޭޓު ކުރަން ވެސް އިތުރު ފުރުސަތެއް ހޯމްލޭންޑް މިނިސްޓްރީން މިފަހުން ވަނީ ދީފަ އެވެ.