މުޒާހަރާތައް ހޫނުވެފައި ވަނިކޮށް ސިފައިން ވެސް ސަރުކާރާ ދެކޮޅުވެ މުޒާހަރާއާ ގުޅުނު ފަހުން ރަޖޮއެލީނާ، ދެއްވި ފުރަތަމަ ބަޔާނުގައި ވިދާޅުވީ އޭނާ އަވަހަރާކޮށްލަން ބަަޔަކު މަސައްކަތްކުރާ ކަމަށާއި އެހެންވެ ރައްކާތެރި ތަނަކުން ހިމާޔަތް ހޯދައިގެން މިހާރު ހުންނެވި ކަމަށެވެ.
ސެޕްޓެމްބަރު 25 އިން ފެށިގެން، ބަގާވާތްކޮށް އޭނާ މަރާލަން ގެންދަނީ މަސައްކަތްކުރަމުންކަމަށާއި އަސްކަރިއްޔާ އާއި ސިޔާސީ މައިދާނުގައި އުޅޭ ބަޔަކު ބައިވެރިވެގެން، އޭނާ މަރާލަން ރޭވި ފޭސްބުކް ލައިވްގައި ރަޖޮއެލީނާ ވިދާޅުވި އެވެ.
އިންޑިއާ ކަނޑުގައި އޮންނަ ފަގީރު ގައުމެއް ކަމަށްވާ މަޑަގަސްކަރާގައި މުޒާހަރާތައް ފެށުނީ ކަރަންޓާ ފެން ކެނޑުން އާންމު ކަމަކަށްވުމުން މީހުން އައި ރުޅީގަ އެވެ. އެކަމަކު ފަހުން ބަދަލުވީ ރައީސް ރަޖޮއެލީނާގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާއަކަށެވެ.
ވެރިރަށް އަންޓަނަނަރީވޯގެ މޭޔަރުކަން ކުރެއްވި ރަޖޮއެލީނާ ދެއްވި ބަޔާނުގައި އޭނާ އިސްތިއުފާ ދެއްވާނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިބި ނަމަވެސް އޭނާ އެފަދަ ވާހަކައެއް ވިދާޅެއް ނުވެ އެވެ. އޭނާ ވަނީ އެންމެން ގާނޫނު އަސާސީއަށް އިހުތިރާމް ކުރުމަށް ގޮވާލައްވައިފަ އެވެ.
އުމުރުން 51 އަހަރުގެ ރަޖޮއެލީނާ 2009 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް މާކް ރަވަލޮމަނަނާއާ ދެކޮޅަށް އާންމުން ނުކުތުމާ އެކު އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭ އަސްކަރިއްޔާ އިން ގެނައި ބަޣާވާތަކަށް ފަހުގަ އެވެ.
ރޭޑިއޯ ފްރާންސް އިންޓަނޭޝަނަލް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރަޖޮއެލީނާ ވަނީ ފްރާންސްގެ އަސްކަރީ މަތިންދާބޯޓެއްގައި މަޑަގަސްކަރައިން ބޭރަށް ވަޑައިގެންފަ އެވެ. ނަމަވެސް ފްރާންސްގެ އޮފިޝަލުންގެ ބަހެއް މިކަމާ ގުޅޭ ގޮތުން ނުލިބުނެވެ.