ފުލުހުންގެ އިދާރާގެ ދަށުން ހިންގާ ކުންފުނި، ޕޮލްކޯއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން މައްސަލަ ބެލި ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ސޯސް އޮފް އިންކަމް [އާމްދަނީ ލިބުނު ގޮތް] ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ.
އެހެންނަމަވެސް ފުލުހުންގެ ތަހުގީގަށް ވަރަށް ބައިވަރު މައުލޫމާތު އޭރު ވެސް ލިބިފައި ހުރި ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާއި ދޭތެރޭގައި މުހައްމަދު ދާއޫދުގެ އެކައުންޓަށް ކާކުކަން ނޭނގޭ ގޮތަށް ފައިސާތަކެއް ޖަމާކުރަމުން ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭގެ އިތުރުން ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓުގެ ތަފުސީލުތައް ބެލިއިރު، 2016 އިން ފެށިގެން މއ. ތަޅަމުދިގޭގެ ކުލި ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓަށް ޖަމާވަމުންދާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަން ވެސް ތަހުގީގު ހޯދުންތަކާ ހަވާލާދީ ނާޒިމް ވިދާޅުވި އެވެ.
އެހެންނަމަވެސް އެ ގެއަކީ ދާއޫދު ނުވަތަ އޭނާގެ އަނބިމީހާގެ ގެއެއް ނޫންކަމުން އެ ގޭގެ ކުލި ދާއޫދުއަށް ލިބޭނެ ހަމައެކަނި ގޮތަކީ އެ ގެ ހެދުމަށް ދާއޫދު އިންވެސްޓު ކޮށްފައި އޮތުން ކަމަށް ތަހުގީގު ހޯދުންތަކާ ހަވާލާދީ ނާޒިމް ވިދާޅުވި އެވެ.
އެހެންކަމުން އެހާ ގިނަ އަދަދެއްގެ ފައިސާ ދާއޫދަށް ލިބުނު ގޮތެއް އިތުރަށް ބަލަންޖެހޭ ކަމަށް އޭރު ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ދާއޫދު އިތުރު އެޕާޓްމަންޓުތަކެއް ވެސް އެފްޑަބްލިއު ރެޒިޑެންސްއިން ގަނެފައި އެބަހުރި ކަމަށާއި ބެލެވެނީ އެ އެޕާޓްމަންޓް ތައް ގަތުމުގައި 4.1 މިލިއަން ރުފިޔާ 10 އިންސްޓޯލްމަންޓުން ނަގުދު ފައިސާ ދައްކާފައި ހުރި ކަން ކަމަށެވެ.
މިކަން ކޮށްފައި އޮތީ އާއިލާގެ މެންބަރެއްގެ ނަމުގައި ކަމަށާއި މިހާރު އެޕާޓްމަންޓު ވަނީ ދާއޫދުގެ ދަރިފުޅެއްގެ ނަން މައްޗަށް ބަދަލުކޮށްފައި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ދާއޫދުއަށް ލިބުނު ފައިސާއިން 14.6 މިލިއަން ރުފިޔާގެ މުދާ ގަނެފައިވާ ކަމަށާއި އެ މުދަލަކީ އެމްއެމްޕީއާރުސީގެ ފައިސާއިން ގަނެފައިވާ މުދާ ކަމަށް ބެލެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މި މައުލޫމާތުގެ އިތުރުން ނާޒިމް ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު ކަންކަން ވެސް ފާހަގަކުރެވިފައި ވެ އެވެ. އެކަމަކު، އެކަންކަން ސިއްރު ރިޕޯޓެއްގައި އޮތުމުން ހާމަކުރެވެން ނެތް ކަން ވެސް އޭނާ ވިދާޅުވި އެވެ.
އޭސީޕީ ދާއޫދާ ގުޅޭ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، ދެން ހުރި މައުލޫމާތަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސިއްރު ރިޕޯޓަކުން ނަގާފައިވާ މައުލޫމާތުކަމުން އެ ވާހަކަތައް ނާޒިމް މިއަދު ހިއްސާކުރައްވާފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފައިވާ ދާއޫދު އެސިސްޓެންޓް ކޮމިޝަނަރު ކަމަށް ޕްރޮމޯޓުކުރީ މި ސަރުކާރުގައި 17 ސެޕްޓެންބަރު 2024 ގައެވެ. އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްއަކީ ފުލުހުންގެ މުއައްސަސާއިން ޕްރޮމޯޝަން ލިބިގެން އާދެވޭ އެންމެ މަތީ މަގާމެވެ.
މީގެ ކުރިން ދާއޫދުވަނީ ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާއި ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމު އަދައިކުރައްވައިފަ އެވެ. އަދި، ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަގާމު ވެސް ދާއޫދު ވަނީ އަދައިކުރައްވައިފަ އެވެ.