ads
އެމްޑީޕީ
އައްޑޫ ރިފަރެންޑަމް ވޯޓް ހޭލުތެރިކޮށްފައި ނޫނީ ނުނަގަން އެމްޑީޕީން ގޮވާލައިފި
އައްޑޫ ކައުންސިލާ ގުޅޭ ވޯޓަށް ރައްޔިތުން ހޭލުންތެރިކޮށްފައި ނޫނީ އެފަދަ ވޯޓެއް ނުނެގުމަށާއި އެކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރަން އެކަށީގެންވާ ވަގުތު ދިނުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.
Advertisement

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި އަދި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ދެނެގަތުން ނުވަތަ ރައްޔިތުންގެ ބަސް ހޯދުމަކީ، ރާއްޖެ ފަދަ ޑިމޮކްރެޓިކް އުސޫލުން ހިންގާ ޖުމްހޫރީ ދައުލަތެއްގައި ނުހަނު މުހިންމު ކަމެއް ކަމަށެވެ.

"އެހެންނަމަވެސް، މި ފަދަ ވޯޓެއް ނެގުމަށް އިއުލާނުކޮށްފައި މި ވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ ބިލު ދިރާސާކުރުމަށާއި، އެ ބިލާމެދު މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ދިނުމުގެ ބަދަލުގައި، އަވަސް އަރުވައިލައިގެން ފާސްކޮށްގެންކަމުގައި ވާތީ، މި ކަމުގައި ސަރުކާރުގެ ރަނގަޅު ނިޔަތެއް ނެތްކަން ފާހަގަކުރެވެއެވެ،" އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ އައްޑޫގައި ވޯޓް ނެގުމަށް މިހާރު ކަނޑައަޅައިފައިވާ މުއްދަތަކީ، މި ފަދަ މުހިންމު ކަމެއްގައި ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ހޭލުންތެރިކުރުމަށާއި އަދި ކެމްޕޭންކުރުމަށް، އެކަށީގެންވާ މުއްދަތެއް ނޫން ކަމަށާއި އަދި އެ ފަދަ ބަދަލަކާގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދީފައިނުވާ ކަމަށެވެ.

"[އަދި] އެކަަމުގެ ނަތީޖާއާ މެދު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ފަހުގައި ނޫނީ އެފަދަ ވޯޓެއް ނުނެގުމަށް ސަރުކާރަށް މި ޕާޓީން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ގާނޫނު ތަސްދީގުކޮށްފައިވަނީ އެ ބިލަށް އެމްޑީޕީގެ މެންބަރުން ހުށަހެޅި އިސްލާހުތައް ބަލައިނުގަނެ، ބިލު ދިރާސާކުރަން އެކަށީގެންވާ ވަގުތުނުދީ އަަވަސްއަރުވާލައިގެން ކަމުގެ ކަންބޮޑުވުން ވެސް އެ ޕާޓީން ފާޅުކުރި އެވެ.

އެ ޕާޓީން ބުނީ، ރައްޔިތުންނާ ގުޅޭ ކަންކަމުގައި ހިޔާލު ހޯދުން މުހިންމު ވިޔަސް، އެކަން ކުރަންވާނީ ގާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ ބާރު ފުރިހަމައަށް ކަށަވަރުކުުރުމުގެ ސާފު މަގުސަދުގައި ކަމަށެވެ. އެކަމަކު އައްޑޫއާ ގުޅޭ މި ވޯޓު ނެގުމުގައި ސަރުކާރުގެ އޮތީ ސިޔާސީ މަގުސަދެއް ކަމަށް އެ ޕާޓީން ތުހުމަތު ކުރި އެވެ.

އައްޑޫ ސިޓީ ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ނަގާ ވޯޓަކީ، ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭ ގޮތުން ހަދާފައިވާ އާ ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓަށް ވާނެ އެވެ.

ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ވޯޓަށް އަހާއިރު، ފޭދޫގެ އާބާދީއަކީ 5،810 މީހުންނެވެ. ހުޅުދޫގައި 3,742 މީހުން ދިރިއުޅޭއިރު، މީދޫގައި އަންނަނީ 3،074 މީހުން ދިރިއުޅެ އެވެ.

އައްޑު އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގުމުގެ ބަދަލުގައި ވަކިވަކި ކައުންސިލްތައް ހަދައިގެން "އައްޑޫ ރުޅާލަން" ރައީސް މުހައްމަދު މުއިއްޒު އުޅުއްވަނީ އައްޑޫއަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭނެކަން ޔަގީންވުމުން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެ ވޯޓުގައި އަހާނީ އައްޑޫގައި ވަކިވަކި ކައުންސިލެއް އޮންނަން ބޭނުންތޯ ނުވަތަ މިހާރުގެ ގޮތަށް އައްޑޫ ސިޓީ ކައުންސިލް ގޮތަށް ކުރިއަށް ގެންދާނީތޯ އެވެ. މިކަމުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް