ތ. ވަންދޫ މީހުން، އެ އަތޮޅާ ޖެހިގެން އޮތް ދ. ކުޑަހުވަދުއަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.
ކުޑަހުވަދޫ ކައުންސިލުން ބުނީ ވަންދޫގެ ރައްޔިތުން ކުޑަހުވަދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން، ރަށުގައި ދިރިއުޅޭ ކަމުވޮށިގެންވާ މީހުންނާއި މައުލޫމާތު ހިއްސާކުރުމާއި ހިޔާލު ހޯދުމަށް ބައްދަލުވުންތައް ފަށާފައިވާކަމަށެވެ.
ކުޑަހުވަދޫ ކައުންސިލުން ވަންދުއަށް ގޮސް، މިދިޔަ މަހުގެ 22 ވަނަ ދުވަހު ރަށުގެ ކައުންސިލާއި އާއްމުންނާއެކު ބައްދަވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ކުޑަހުވަދޫން ހުށަހެޅީ ވަންދޫ މީހުން އެހެން ތަނަކަށް ބަދަލުވާން ބޭނުންވާ ނަމަ އެ ރަށަކީ ކުޑަހުވަދޫ ކަމަށް އިހްތިޔާރުކޮށްދިނުމަށް ކަމަށް ވަންދޫ ކައުންސިލުން ބުނެއެވެ.
އާއްމުންގެ ހިޔާލު ހޯދަން ވަންދޫ ކައުންސިލުން އަންނަ ހަފުތާގައި ރައްޔިތުންނާއި ބައްދަލުކުރަން ވަނީ ނިންމައިފަ އެވެ.
ކުޑަހުވަދޫ ކައުންސިލުން ބޭއްވި ބައްދަލުވުން
ކުޑަހުވަދޫން އަންނަނީ ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެ ރަށުގެ އާބާދީ އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ރަށުން ބޭރު މީހުންނަށް ވެސް ގަނެވޭ ގޮތަށް ހައުސިން މަޝްރޫއެއް އެ ރަށުގައި ވަނީ ފަށާފައެވެ.