އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ އަދި އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން އިއްޔެ ބޮޑު އޮޕަރޭޝަނެއް ހިންގިފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނާގޮތުގައި މި އޮޕަރޭޝަން ހިންގިފައިވަނީ ހުޅުމާލޭގައި ކަމަށެވެ.
މި އޮޕަރޭޝަނުގެ ދަށުން ޖުމްލަ 12 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނުވުން 12 މީހުގެ ތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހުންނާއި ބިދޭސީން ރެކްރޫޓްކޮށް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިއަ 3 މީހުންގެ އިތުރުން ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިއަ 4 މީހުން ހިމެނޭ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.
މި އޮޕަރޭޝަންގައި ޕޮލިހުން ވެސް ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ހޯދުމަށް އިމިގްރޭޝަނުން ދަނީ އެތަށް ބައިވަރު މަސައްކަތްތަކެއް ކުރަމުންނެވެ.
އެ ގޮތުން މިހާރު އިމިގްރޭޝަނުން ދަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު އެއްކުރަން ވަނީ ފަށާފައި އެވެ.