މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ގަޔަށް ސްރީ ލަންކާގެ ކޯޓެއްގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހު ބަޑިޖަހައި މަރާލި މައްސަލައިގައި ހިމެނޭ، އެ ގައުމުގެ "މޯސްޓް ވޯންޓެޑް" އަންހެން މީހާ ހައްޔަރުކުރީ ނޭޕާލުގައި އުޅެނިކޮށެވެ.
ސެވަންދީގެ މައްޗަށް ތުހުމަތު ކުރަނީ، ގާނޫނީ ވަކީލެއްގެ ގޮތަށް ހެދުން އަޅައިގެން، ލަންކާގެ ޖިނާއީ އިޖުރާއަތު ފޮތެއްގެ ތެރޭ ބާގަނޑެއް ހަދައި އޭގެ ތެރޭގައި ފޮރުވައިގެން ކޯޓު ތެރެއަށް ފިސްތޯލަ ވެއްދި ކަމުގެ ތުހުމަތެވެ.
ލަންކާ ފުލުހުންގެ ތަރުޖަމާނު އެފް. ޔޫ. ވޫޓްލާ ވިދާޅުވީ ސެއްވަންދީ އާއި އިތުރު ފަސް މީހަކު މި ހަފްތާގައި ނޭޕާލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އުމުރުން 25 އަހަރުގެ ސެވަންދީ ހައްޔަރު ކުރުމަށް މަގުފަހިވާ މައުލޫމާތެއް ފޯރުކޮށްދޭ މީހަކަށް ދިނުމަށް 1.2 މިލިއަން ރުފިޔާ (4،000 ޑޮލަރު) ގެ އިނާމެއްވެސް ލަންކާ އިން އޮތީ ހުށައަޅާފަ އެވެ.
ފުލުހުން ބުނީ ސެވަންދީ ފުރަތަމަ ފިލައިގެން ދިޔައީ އަވަށްޓެރި އިންޑިއާއަށް ދޯންޏެއްގައި ކަމަށާއި ނޭޕާލަށް ދިޔައީ އޭގެފަހުން ކަމަށެވެ. ސެވަންދީ ހައްޔަރުކުރީ އެހެން އަންހެނަކާއި ހަތަރު ފިރިހެނުންނާ އެކުގަ އެވެ. މި މީހުން އަތުލައި ގަތުމުގައި އިންޓަޕޮލްގެ އެހީ އާއި އައިޓީ އިންޓެލިޖެންސް އަދި ހާއްސަކޮށް ނޭޕާލް ފުލުހުންގެ އޮޕަރޭޝަނަލް އެހީ ވަރަށް ބޮޑަށް ލިބުނު ކަމަށް ވެސް ލަންކާ ފުލުހުން ބުންޏެވެ.
ލަންކާގެ މިހާރުގެ ސަރުކާރުން އަންނަނީ އެ ގައުމުގައި ހަރަކާތްތެރިވާ ގޭންތަކާއި ދެކޮޅަށް ސިފައިން ނެރެ އެމީހުން ހުއްޓުވުމަށް ފުޅާ އޮޕަރޭޝަން އެއް ހިންގަމުން ނެވެ.