ކަސްޓަމްސްގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ މުއާޒާއި އިތުރު ތިން މީހަކު ހައްޔަރުކުރީ، މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގެ ތަހުގީގު ތެރެއިންނެވެ.
އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި އެ ސިނގިރޭޓު ގެއްލިފައިވާކަން އެނގުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މައްސަލައާ ގުޅިގެން މުއާޒުގެ ބަންދަށް މިއަދު ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
މިފްކޯ އިން މިއަދު ބުނީ، މުއާޒުގެ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން ބަލަން ފަށާފައިވާއިރު، އެ ކަންކަން އިދާރީ ގޮތުން ވެސް އެ ކުންފުނިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެހެންވެ، މިފްކޯގެ މުވައްޒަފުންނާ ބެހޭ ގަވާއިދުގެ ދަށުން 30 ދުވަހުގެ މުއްދަތަށް މުއާޒު ވަޒީފާ އިން ސަސްޕެންޑު ކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ވެ އެވެ.
ރާއްޖޭގެ ގާނޫނުތަކާއި، ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައި ވެސް އަޅަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ވަގަށް އެތެރެކުރިކަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފަޅާ އަރައި، އެ މަހުން ފެށިގެން އެ ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓައިފަ އެވެ. އެއީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާތީ އެވެ.
އެ ސިނގިރޭޓް ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ހިސާބުން އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.