މި ގަރާރު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. އޭނާ ހުށަހެޅުއްވި ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ބަލާލާއިރު ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީން، އިންތިހާބުގައި ވާދަކުރުމުގެ ހައްގު ފިޔަވައި ދިވެހީންނާ ދެމެދު އެއްވެސް ހައްގެއް ލިބިދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނެތްކަން ފާހަގަވާ ކަމަށެވެ.
ދިވެހީންގެ ތެރެއިން ގިނަ މީހުން މިހާރުވެސް ބިދޭސީންނާ ކައިވެނިކޮށްގެން ދިރިއުޅެމުން އަންނަކަމާއި، އެ ކައިވެނިތަކަށް ދަރިން ލިބި، ބޮޑެތިވެފައިވާކަންވެސް ކުޑޫގެ ގަރާރުގައިވެއެވެ.
ބިދޭސީންނަށް ދިވެހި ރައްޔިތުކަން ލިބެން އޮތް ހަމައެކަނި ގޮތަކީ ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުން ދިވެހި ރައްޔިތަކަށްވުން ކަމަށާއި، ނަމަވެސް އެ ގާނޫނަށް ބައި ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާތީ ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އެ ފުރުސަތު ހޯދައިދެވިފައިނުވާ ކަމަށް އެ ގަރާރުގައި ބުންޏެވެ.
ކުޑޫގެ ގަރާރުގައި ވަނީ، ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން މުސްކުޅިވެ، ލޯބޯ ކޮށިވެ، ދާއިމީ ބަލިތަކާއި ބޮޑެތި ބަލިތަކަށް ބޭސްކުރަން ޖެހިފައިވުމުގެ ސަބަބުން ސިއްހީ ޚަރަދުތައް ހޯދަން ދަތިވެފައިވާ ކަމަށާއި، ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބައެއް ބިދޭސީންނަކީ ރާއްޖޭގައި އެތައް އަހަރެއް ހޭދަކޮށް ވަޒީފާ ހޯދައި އާމްދަނީ ހޯދުމަށްޓަކައި މަސައްކަތްކުރި މީހުން ކަމަށެވެ.
އެހެންކަމުން އެ މީހުންނަށް އަޅާލައި ދައުލަތުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާ އެކު ލިބުމަކީ އެ މީހުންގެ ވެސް ހައްގެއް ކަމަށް އެ ގަރާރުގައި ބުންޏެވެ. އަދި، ގާނޫނުއަސާސީގައިވާ ގޮތުން މުޖުތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ދައުލަތުން ޚާއްސަ ކަންތައްތަކެއް ކޮށްދެވިދާނެކަން އެނގެން އެބައޮތް ކަމަށް ވެސް އެ ގަރާރުގައިވެއެވެ.