ލ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުގެ ތެރެއިން އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އިބްރާހިމް ޝަރީފް އެވެ.
ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ ފޮނަދޫގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާފަ އެވެ.
މިގޮތުން ކައްދޫ އެއާޕޯޓު އިތުރަށް ތަރައްގީކުރުމަށް އެމްއޭސީއެލްއާ ހަވާލުކުރެވުނު މަޝްރޫއުއަކީ މުޅި އަތޮޅުގެ ތަރައްގީއާއި ގުޅިފައިވާ މަޝްރޫޢެއްކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން 2800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްގީކުރާ މިއެއާޕޯޓު މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވިދާޅުވި އެވެ. މީގެދަށުން 144 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މީގެތެރެއިން 114 ހެކްޓަރަކީ އެއާޕޯޓަށް ބޭނުންވާ ބިން ކަމަށާއި، އަނެއް 30 ހެކްޓަރުގެ ބިމަކީ ފޮނަދޫގެ ތަރައްގީއަށް ބޭނުންވާ ބިންކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި އަތޮޅުގެ ތަރައްގީ ހާއްސަކަށް ޓޫރިޒަމްގެ ބޭނުމަށް، މި އެއާޕޯޓް ތަރައްގީ ވެގެން ދިއުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަަމަށެވެ. އަދި މިއީ ވަރަށް މުހިންމު އިންވެސްޓްމެންޓެއް ކަމަށްވެސް ވިދާޅުވި އެވެ.
ލ. ކަައްދޫގައި އެއާޕޯޓެއް އޮންނައިރު އެ އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީ ކުރުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މި ދަތުރުގެ ތެރޭގައި ވެސް އެ އެއާޕޯޓު އަޅާނެ ތަނެއް ރައީސް މުއިއްޒު ވިދާޅެއް ނުވެ އެވެ.