ހައްޖު ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ޝަކީލް ދާދި ފަހުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް މިއަހަރުން ފެށިގެން ހައްޖަށް ނުދެވޭނެކަން އަންގާފައިވާ ކަމަށެވެ. އަދި މިއަހަރުން ފެށިގެން ހައްޖަށް ދެވޭނީ ވަކި މެޑިކަލް ޓެސްޓްތަކެއް ހަދާ ކޯޕަރޭޝަންގެ މެޑިކަލް ޓީމުން ބަލާ ހުއްދަދޭ ފަރާތްތަކަށް ކަމަށް ޝަކީލް ވިދާޅުވިއެވެ.
ސައުދީގެ މި ނިންމުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ
އެއީ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ސައުދީ ސަރުކާރުން ފޮނުވާ ސާކިއުލާއެއް ކަމަށެވެ. އަދި އެއީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ހައްޖަށް ދާން ވިސާ ލިބޭނީ އެ މީހަކީ ހައްޖަށް ދާން ސިއްހީ ގޮތުން ކުޅަދާނަކަން ލިބިގެންވާ މީހެއްކަން އެނގޭ ގޮތަށް، ސަރުކާރުން ރެގިއުލޭޓްކުރާ މަރުކަޒުތަކުން އަސްލާ ތަތްގަނޑު ޖަހާފައިވާ މެޑިކަލް ސެޓްފިކެޓެއެއް އޮވެގެންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އަސާސީ ގުނަވަނެއް ފެއިލްވެފައިވާ މީހަކަށް ނުވުމާއި އޮކްސިޖަން ގުޅައިގެން އުޅެން ޖެހޭ މީހަކަށް ނުވުމާއި ފުރަމޭގެ ސިރޯސިސް ހުރި މީހަކަށް ނުވުމާއި ޑަޔަލިސިސް ހަދާފައިވާ މީހަކަށް ނުވުމަކީ ހައްޖަށް ދާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތެއް ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ. އަދި ނާރުގެ ނުވަތަ ނަފުސާނީ ބަލި ތަހައްމަލުކުރާ މީހަކަށް ނުވުމާއި ބުއްދިއަށް އަސަރުކޮށްފައިނުވާ މީހަކަށްވުމާއި ޑިމެންޝިއާ (ހަނދާން ނެތޭ ބަލި) ޖެހިފައިވާ މުސްކުޅި އުމުރުގެ މީހަަކަށް ނުވުމާއި ވިހަން ކައިރިވެފައިވާ މީހަކަށް ނުވުމަކީ ވެސް ޝަރުތެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ކީމޯ ތެރަޕީ ނުވަތަ ބައިލޮޖިކަލް ތެރަޕީ ނަގަމުންދާ ކެންސަރުގެ ބަލި މީހަކަށް ނުވުމާއި ޓީބީ އާއި ހެމަރޫޖް ހުންނަ ފަދަ ބައްޔެއް ހުރެގެން ނުވާނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.