ހުރިހާ ރަށެއްގައި ފުލުހުން ތިބެގެން ހިދުމަތް ދޭން ފެށިކަން އިއުލާންކުރެއްވީ ހައްދުންމަތީ ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް ވިދާޅުވީ މިއަދު ހަވީރު 5:15 އިން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެ ތިބުމުގެ ހިދުމަތް ގާއިމުކޮށް ނިމިފައިވާ ކަމަށާއި މިއަހަރު ނިމެންވާއިރަށް ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރާނެކަން މިއަހަރުގެ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިމަހުގެ ތެރޭގައި އިތުރު 39 ރަށުގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީކުރުމަށް އެކި ފަރާތްތަކާ ހަވާލުކުރުމަށް ނިންމާފައިވާކަމަށެވެ. މިއާއެކު 138 ރަށުގައި ފުލުހުންގެ އިމާރާތްތައް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވި އެވެ .
އަދި މި ދައުރު ނިމޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އިމާރާތުން ހިދުމަތް ދިނުމަކީ އަމާޒެއްކަމަށާއި އެކަން ހާސިލްކުރާނެކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.