ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކުރުމުގެ އިތުރުން ބައެއް ސަރަހައްދުތަކުގައި ޕާކުކުރުންވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަނާ ވާނެކަމަށެވެ.
ފުލުހުން ވަނީ ބޮޑުތަކުރުފާނު މަގުން ބަންދުވާ ސަރަހައްދުތަކާއި ޕާކުކުރުން މަނާ ވާނެ ސަރަހައްދުތައް ފެންނަ ޗާޓެއް އާއްމުކޮށްފައެވެ. މި ޗާޓުގައިވާ ގޮތުން ބޮޑުތަކުރުފާނުން ދުއްވުން މަނާކޮށް ބަންދުކުރަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސެން އާދަމް ބިލްޑިންއިން ފެށިގެން، ހުސްނުހީނާ ގޯޅިއާ ހަމައަށެވެ. އޭގެ އިތުރުން ބޮޑުތަކުރުފާނު މަގާ ގުޅިފައިވާ ބައެއް ގޯޅިތައްވެސް ބަންދުވާނެއެވެ.
ދުއްވުން މަނާ ގޯޅިތައް
ޗާންދަނީމަގު (އަމިޜު އަހްމަދުމަގުން ފެށިގެން އުތުރަށް އޮތް ބައި )
މުހައްމަދު އިސްމާއީލްދީދީ ގޯޅި
ކަނޑި ދޮންމަނިކު ގޯޅި
ޖުމްހޫރީ ހިނގުން
އިބްރާހިމް ހަސަން ދީދީ މަގު
ޓްރެފިކަށް ބަންދުކުރުމުގެ އިތުރުން ބައެއް މަގުތަކުގައި ޕާކުކުރުން ވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަނާވާނެކަމަށް ފުލުހުން ބުނެއެވެ.
ޕާކުކުރުން މަނާ ސަރަހައްދުތައް
ބަންޑާރަ މިސްކިތާ ހަމައަށް ހުސްނީ ގޯޅި
އޯކިޑުމަގުގެ ބައެއް
ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. މި މަޝްރޫއު ނިމޭއިރު މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދާނެކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ވަނީ ބުނެފައެވެ. މަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅަން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.
އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ.