ޕްރައިވަޓައިޒޭޝަން ބޯޑުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ވެލާނާ އެއާޕޯޓު ހިންގާ ކުންފުނީގެ ބޯޑުގެ މެމްބަރަކަށް ގއ. ދާންދޫ، މުޝްތަރީގޭ، މުޖުތަބާ ހަމަޖައްސާފައިވާ ކަމަށެވެ.
އެ ބޯޑަށް މުޖުތަބާ އައްޔަން ކުރެއްވިއިރު، ބޯޑުގެ ހިންގުން ހަރުދަނާ ކުރުމާއި އޮޑިޓް އަދި ރިސްކް ފަދަ ކޮމިޓީތައް ރަނގަޅަށް ހިނގާ ގޮތް ހެދުމަށް، އެމްއޭސީއެލްގެ ބޯޑުގެ އަދަދު ވެސް 7 އިން 9 އަށް މި ފަހުން ވަނީ އިތުރުކޮށްފަ އެވެ.
ނަމަވެސް، އެ ބޯޑުގައި ކުރިން ހުންނެވި މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކުރެއްވުމުން، އެމްއޭސީއެލްގެ ބޯޑުގައި މި ވަގުތު ތިއްބެވީ ހަތް މެމްބަރުންނެވެ. އެހެންވެ، އިތުރަށް ދެ މެމްބަރުން އަދި އައްޔަން ކުރަން ޖެހެ އެވެ.
ރިޔާޒު އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފައި މި ވަނީ މި ފަހުން އެމްއޭސީއެލްއިން ބިން ހިއްކުމާއި ސަރުކާރުގެ ބައެއް މަޝްރޫއުތައް ހިންގުމަށް ހަވާލުވާން ބޯޑުން ނިންމި ނިންމުމާ އޭނާ ދެކޮޅު ހެދުމުންކަން ވަނީ ކަށަވަރުވެފަ އެވެ.
އެމްއޭސީއެލްއިން ގެންދަނީ ރަށްރަށުގައި ޖިމްތަކާއި އެއާޕޯޓްތަކާއި އެހެން ވެސް ބައެއް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ހަވާލުވަމުންނެވެ. އަދި މިފަހުން ރީޖަނަލް އެއާޕޯޓްސް ކުންފުނި އުވާލައި ސަރަހައްދީ ހުރިހާ އެއާޕޯޓްތަކެއް ހިންގުމާ އެމްއޭސީއެލްއިން ވަނީ ހަވާލުވެފަ އެވެ.