އެމްއެމްއޭއިން އަލަށް ތައާރަފްކުރި 'އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް ފަންޑު' ގެ ގަވާއިދުގެ ދަށުން، ކޮންމެ ބޭންކަކުންވެސް އެ ބޭންކަކުން ދޫކޮށްފައިވާ ޖުމްލަ ލޯނުގެ އަދަދުގެ ވަކި ޕަސަންޓެއް މި ފަންޑަށް ދޫކުރަން ޖެހޭނެއެވެ.
އަލަށް އެކުލަވާލި ގަވާއިދުގައި ބުނާ ގޮތުން، ކޮންމެ ބޭންކަކުންވެސް އެ ބޭންކެއްގެ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10 ޕަސަންޓާއި 15 ޕަސަންޓާ ދެމެދުގެ އަދަދެއް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ފަންޑުކުރުމަށް ހާއްސަކުރަން ޖެހެއެވެ.
ފަސް އަހަރުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ސްކީމަކީ، ހާއްސަކޮށް ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ސްކީމެކެވެ. މި ގަވާއިދާ ހިލާފުވާ ބޭންކުތައް، އެމްއެމްއޭގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ބޭންކުތަކުގެ މައްޗަށް މިކަން ލާޒިމްކޮށްފައިވާއިރު، މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ކުރިން އިއުލާންކުރައްވާފައިވާ އާ ދެ ހައުސިން ސްކީމަށް ފައިނޭންސް ހަމަޖެއްސުމަށް މި ފަންޑުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ މާލޭ ސަރަހައްދުން ވިއްކާ އެޕާޓްމަންޓްތަކުގެ އަގު ހެޔޮކޮށް، ގިނަ ބަޔަކަށް ގެދޮރުވެރިވުމުގެ ފުރުސަތު ހޯދައިދިނުމެވެ. މި ފަންޑުގެ ދަށުން ދޫކުރާ ލޯނުތައް މަދުވެގެން 25 އަހަރުގެ މުއްދަތަށް އަނބުރާ ދެއްކޭނެ ގޮތް ހަމަޖެހިފައިވުމަކީ ގެދޮރު ގަންނަ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.