ވާޝްނޭ މި އެވޯޑު ކާމިޔާބުކުރީ، ދޮންކޭލު ތޮއްޓާ އެކި ބާވަތުގެ ގަސްގަހާގެހި ބޭނުންކޮށްގެން އުފެއްދި ތިމާވެއްޓާ ރައްޓެހި ހެދުންތަކެއްގެ ކަލެކްޝަނަކުންނެވެ.
"ސާކިއުލާ" ގެ ނަމުގައި ހިންގާ އޭނާގެ އަމިއްލަ ބްރޭންޑުން ތައާރަފުކުރި "ސިމްބިއޯސިސް" ކަލެކްޝަންގައި ހިމެނެނީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހެދުންތަކެކެވެ. މި ހެދުންތައް އުފައްދާފައިވަނީ ކަލޮޓްރޮޕިސް ފައިބާ، އަދި ދޮންކޭލު ހަން ފަދަ، ގުދުރަތީ ގޮތުން ފަނާވާ ތަކެތި ބޭނުންކޮށްގެންނެވެ. މީގެ އިތުރުން ބޭނުން ނުކޮށް ހުރި ފޮތިކޮޅުތައް ވެސް އޭނާ ވަނީ ބޭނުންކޮށްފައެވެ.
މި މުބާރާތުގެ ދެވަނަ ހޯދި ޑިޒައިނަރުން ކަމަށްވާ ރާދޭޝް އަގްރަހާރީ އާއި މުސްކާން ސައިނިކް ވަނީ މުޅިން އާ އުފެއްދުމެއް ތައާރަފުކޮށްފައެވެ. އެމީހުންގެ ބްރޭންޑް "ގޯލްޑަން ފެދާސް" އިން ވަނީ ކުކުޅު ފަތާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ވޫލް އާ އެއްގޮތް، ލުއި ފައިބަރެއް އުފައްދައި، އެއިން ހެދުންތަކެއް ފަރުމާކޮށްފައެވެ.