ޓާމިނަލް 1 އިން ވާޖިން އެޓްލާންޓިކްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ.
މި ހަފްލާގައި ވާޖިން އެޓްލާންޓިކްގެ އެއާޕޯޓް މެނޭޖަރު އާސިމް ޝައިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވުމާއި އެ ފްލައިޓުން ދަތުރުކުރި 24 ފަސިންޖަރުންނަށް ހަދިޔާ ދިނުން ކުރިއަށްގެންގޮސްފައި ވެއެވެ.
ޓާމިނަލް 1 އިން ހިދުމަތް ދިން ވާޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓުން ރާއްޖެއަށް އައި 258 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
މިހާރު 14 އެއާ ލައިން އަކަށް އާ ފަސިންޖަރު ޓާމިނަލް އިން ހިދުމަށް ދެމުން އަންނައިރު، އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ބޭނުންކުރަން ފެށީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1އަކީ ޒަމާނީ ގިނަ ހިދުމަތްތަކާއެކު ތަރައްގީކުރެވިފައިވާ ޓާމިނަލެކެވެ. އެގޮތުން މި ޓާމިލަނުގައި ޑިޕާޗާ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން، މި ޓާމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ގާއިމްކޮށްފަ އެވެ.