ސިނގިރޭޓްގެ ބޮޑެތި ވައްކަންތަކާއި ރާއްޖެ އަށް ވޭޕް އެތެރެކުރުން ނުހުއްޓި ކުރިއަށް ދާތީ، އެކަމުގައި ކަސްޓަމްސްގައި ހުރި މައްސަލަަތައް ބަލަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ ތަހުގީގެއް ހިންގައިފަ އެވެ. އެ މައްސަލާގައި އެ ކޮމިޓީއަށް ފެންނަ ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލައި، މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި އެވެ.
އެ ރިޕޯޓް ހުށަހަޅުއްވައި ދެއްވަމުން ކޮމިޓީން ރިޕޯޓް އެކުލަވާލެއްވުމުގައި އިސްކޮށް ހުންނެވި ނާޒިމް ވިދާޅުވީ ދައުލަތަށް އާމްދަނީގެ ގޮތުގައި އިންޕޯޓް ޑިއުޓީގެ ގޮތުގައި ބޮޑު އަދަދެއް ކަނޑައަޅާފައިވީ ނަމަވެސް އެ އަދަދަށް ދައުލަތަށް ޑިއުޓީ ލިބެމުން ނުދާ ކަމަށެވެ.
އޭގެ އެންމެ ބޮޑު ސަބަބަކީ ސިނގިރޭޓުން ލިބެންޖެހޭ އިންޕޯޓް ޑިއުޓީ ދައުލަތަށް ނުވަނުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޕޯޓް ޑިއުޓީ އަށް ލިބޭނެ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އެ އަދަދު ނުލިބޭ މައިގަނޑު ސަބަބަކީ ސިނގިރޭޓްގެ ޑިއުޓީ އަށް ގެނެވުނު ބަދަލުކަމަށާއި އެ ބަދަލު ގެނައި ފަހުން ސިނގިރޭޓްގެ ކަންކަމަށް ވެގެން މިދިޔަ ގޮތުންނާއި އަދި ވޭޕް މަނާކުރި ފަހުން ވޭޕްގެ ކަންކަން ވެގެން މިދާ ގޮތުން މި ފެންނަނީ ކަންބޮޑުވާން ޖެހޭ ފަދަ މައްސަލައެއްކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، ވޭޕް ސަރުކާރުން މަނާކުރި ވަރަށް ހެޔޮ ނިޔަތެއްގައި ކަމަށެވެ. އެކަމަކު، އެ ސިޔާސަތަށް ފަހު ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރުމާއި ވޭޕް އެތެރެކުރުން އިންތިހާއަށް އިތުރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ ކަސްޓަމްސް އަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. ކޮމިޓީން އެކުލަވާލި ރިޕޯޓްގައިވާ ކަންކަން ތަންފީޒު ކުރުމުން ވަގަށް ސިނގިރޭޓް އެތެރެކުރުމާއި ވޭޕް އެތެރެކުރުން ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކޮންމެހެން ތަންފީޒު ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ވަގަށް ސިނގިރެޓް އެތެރެކުރާ މައްސަލަ ހޫނުވެފައި ވަނީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ކަސްޓަމްސް އިން ހިފަހައްޓާފައި ވަނިކޮށް އެމްޕީއެލް ހުޅުމާލޭ ބަނދަރުން ވަގަށް ނެގި މައްސަލަ ފެންމަތިވުމާ އެކު އެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ ސިނގިރޭޓް ކޮންޓެއިނަރުތައް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި ބެހެއްޓީ އެ ސިނގިރޭޓުތައް ވަގަށް ރާއްޖެ އެތެރެކުރި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ނުފޮނުވޭތީ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.