އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ވަޑައިގެންނެވުމަށްފަހު، ދެން ދަތުރުފުޅުކުރެއްވީ، ރަސްމީ ހައިސިއްޔަތުން މާލެއަތޮޅުގައި ވަޑައިނުގެންނެވި އޮތް 3 ރަށްކަމުގައިވާ ކާށިދޫ، ދިއްފުށި އަދި ތުލުސްދޫއަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވި އެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައިވެސް އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، މަސައްކަތްތައް ފައްޓަވައި، ތަރައްގީގެ އެކި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފަ އެވެ. މީގެ އިތުރުން ބައެއް މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތްވެސް ފައްޓަވާފައި ވެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމާއި، ސިއްހަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި، މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައްވެސް ވަނީ ފައްޓަވާފަ އެވެ.
ފާދިއްޕޮޅާއި މާލެއަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ބަޖެޓަކީ ކައުންސިލްތައް މެދުވެރިކޮށް އޯގާތެރިކަމާއެކު ރައްޔިތުންނަށް އެހީ ފަހިކޮށްދެވޭ ބަޖެޓަކަށް ވާނެ ކަމަށާއި، 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ދެއްވާފައި އޮންނާނީ ސިއްހީ ދާއިރާއަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އަދި، ނޮވެމްބަރ 1 ގައި ސިވިލް ސާވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވާއިރު، ކައުންސިލް މުވައްޒަފުންގެވެސް ޕޭ ހާމަނައިޒްކޮށް ރާއްޖޭގެ ހުރިހާ ސިވިލް ސާވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް، ހަތަރަކުން އެކަކަށް، ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ގިންތިކޮށް، މަތިކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.
ފާދިއްޕޮޅު ނައިފަރުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާގެ ހިދުމަތް ފުޅާދާއިރާއެއްގައި ދެމުންއަންނަ ބްލިސް ކެއާ ކްލިނިކަށް ޒިޔާރަތްކުރައްވައި، އެތަނުގައި އެކި ކަހަލަ ފަރުވާ ހޯދަމުންދާ ކުދިންނާ ބައްދަލުކުރައްވައި، އެކުދިންނާއެކުގައިވެސް އެމަނިކުފާނުވަނީ ވަގުތުކޮޅެއް ހޭދަކުރައްވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.
އެގޮތުން މިއަދު ކ. ތުލުސްދޫއަށް ވަޑައިގަތުމާއެކު، ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި ޒިޔާރަތްކުރައްވައި އެމަނިކުފާނު މި ވަނީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީހީ ކާމިޔާބީއެއް ހާސިލުކުރައްވާފަ އެވެ.