ކަސްޓަމްސްއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ، އެ ހިދުމަތަށް އިމްޕޯޓް ޑިއުޓީއާއި ޖޫރިމަނާގެ ގޮތުގައި ފައިސާ ދައްކަން ޖެހި، ފައިސާ ނުދައްކާ މީހުންނާއި ކުންފުނިތަކުގެ ނަންތައް ހާމަކޮށްފަ އެވެ.
އެ ލިސްޓުގައި 680 ބަޔަކު ހިމެނޭއިރު، އެންމެ ގިނައިން ފައިސާ ދައްކަން ޖެހޭ ސަލްޓަންސް އޮފް ސީސްއިން 110.2 މިލިއަން ދައްކަން ޖެހޭ ކަމަށާއި އެއީ އިމްޕޯޓް ޑިއުޓީއާއި ޖޫރިމަނާއަށްވާ ފައިސާ ކަމަށް ލިސްޓުގައި ވެއެވެ.
"ސަލްޓަންސް އޮފް ދަ ސީސް" ކުންފުނިން އިމްޕޯޓު ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އަކީ ސަލްޓަންސް ކުންފުނިން މީގެ 12 އަހަރު ކުރިން ރާއްޖެ ގެނައި ދެ ލޯންޗެއްގެ އަގު އޮޅުވައިލި މައްސަލައިގައި ދައްކަން ކޯޓުން ހުކުމްކޮށްފައިވާ ފައިސާއެކެވެ.
ދެ ވަނައަށް އެންމެ ގިނަ ފައިސާ ދައްކަންޖެހެނީ ވޭޕް އެތެރެކޮށްގެން ޖޫރިމަނާކުރި މީހެކެވެ. އެއީ އަޝްރަފު ވަހީދު ކިޔާ މީހެކެވެ. އެޑްރެހަކަށް އޮތީ މާފިނިވާގެ، މާލެ އެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާ ހިލާފުވުމުން ޖޫރިމަނާގެ ގޮތުގައި އޭނާ 72 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހެ އެވެ.
ކަސްޓަމަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ގިނަ އަދަދެއްގެ ބިދޭސީންނާއި ގިނަ އަދަދެއްގެ ކުންފުނިތައް ވެސް ހިމެނޭކަން ފާހަގަކުރެވެ އެވެ.
ކަސްޓަމްސް އިން އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން އެ އިދާރާ އިން ހާމަކުރާނީ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރެއިން 10،000 ރުފިޔާއަށް ވުރެ ގިނައިން ދައްކަންޖެހޭ ފަރާތްތަކުގެ މައުލޫމާތެވެ.
އެ އުސޫލުގައިވާ ގޮތުން ކޮންމެ ދެ މަހުން އެއް ފަހަރު، ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ނަންތައް އާންމުކުރަންޖެހެ އެވެ.
މި އުސޫލުގައިވާ ގޮތުން ނަން އާއްމުކުރާ ފަރާތަކުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދައްކައިފިނަމަ ކަސްޓަމްސްގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ ފަރާތެއްގެ ނަން އުނިކުރާނެ އެވެ. ނަމަވެސް ސަރުކާރުގެ ގެޒެޓުގައި ނަން ޝާއިއުކުރުމަށްފަހު އެ ނަމެއް އުންޏެއް ނުކުރާނެކަމަށް އުސޫލުގައި ވެއެވެ.