މީގެ ކުރިން ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގި އެސްޑީއެފްސީއަކީ މިހާރު ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސަބްސިޑަރީއެކެވެ.
އެމްއެސްއެމްއީ ޑިޖިޓަލް އަށް ރީ ބްރޭންޑް ކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެސްޑިއެފްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ އެމްއެސްއެމްއީ ޑިޖިޓަލް އަން ރީ ބްރޭންޑް ކުރުމާއި އެކު މިއަދު ފެށިގެން މިދަނީ އާ ސަފްހާއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ކުންފުނި ވެގެންދާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ހަމައެކަނި ފައިނޭންސިން ފޯރުކޮށްދޭ ކުންފުންޏަކަށް ނޫން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ކުރެވޭ ފައިނޭންސިންގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ވިޔަފާރިތައް އެއްތަނަކަށް ގެނެސްދޭ ޑިޖިޓަލް މާކެޓް ޕްލޭސްއަކަށް އެސްއެމްއީ ޑިޖިޓަލްވާނެ ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ކެބިނެޓުން ނިންމީ މިދިޔަ ޖުލައި މަހު އެވެ.
އެސްއެމްއީ ޑިޖިޓަލް އަކީ ރާޢްޖޭގައި އެސްއެމްއީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް މަގުފަހިކޮށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ އިސްލާމީ ޝަރީއާ އާއި އެއްގޮތަށް ގާއިމް ކުރެވޭ ފުރަތަމަ މާލީ މުއައްސަސާ އެވެ.