އެހެން ޕާޓީއަކުން އަދި އަމިއްލަ ގޮތުންވެސް އެއްވެސް މީހަކު ވާދަނުކުރުމުން އިންތިހާބަކާ ނުލައި ޕީއެންސީއަށް ލިބުނީ އދ. ދިއްދޫ އަދި އދ. މަންދޫ ކައުންސިލް ރައީސްގެ ގޮނޑިއެވެ. މީގެއިތުރުން މި ދެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތަކަކާއި ދިއްދޫ ކައުންސިލްގެ އަންހެނުންގެ ހާއްސަކޮށްފައި އޮތް ގޮނޑިވެސް ޕީއެންސީއަށް ވަނީ ލިބިފައެވެ.
މިކަން އަދި ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
މަންދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބުވީ މިހާރުވެސް އެ މަގާމުގައި ހުރި މުހައްމަދު ސައީދެވެ.
ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވީ މިހާރު އެ ކައުންސިލްގެ މެމްބަރުކަން ކުރާ މި އިންތިހާބަށް ރަށު ކައުންސިލްގެ ރައީސްކަމަށް ނަން ހުށައެޅި އަނީސް މުހައްމަދެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގައި ވާދަކުރަން ވަގުތު ހަމަވިއިރު ހުށައެޅި ފޯމުތަކުން ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން ކަމަށެވެ.
ވަގުތު ހަމަވިއިރު ޖުމުލަ 3،547 މީހަކު ފޯމު ހުށައެޅިކަމަށް އީސީން ބުނެއެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 1،936 މީހުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި 1،611 މީހުންނެވެ.
އޭގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޝަރުތު ހަމަވީ 1،610 މީހުންކަމަށް އީސީން ބުނެއެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަވީ 1،383 މީހުން ކަމަަށްވެސް އެ ކޮމިޝަނުން ބުނެއެވެ.