ބޭންކުގެ އާ ހިދުމަތްތައް ތައާރަފުކުރުމަށް މިއަދު ބާސަލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
ބީއެމްއެލް އިން ބުނީ ވިސާ ޕްލެޓިނަމް ޑެބިޓް ކާޑަށް ބޭންކުގެ އެޕްލިކޭޝަން އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް މިއަދުން ފެށިގެން އެދެވޭނެ ކަމަށެވެ.
މި ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ދުވާލަކު 3،200 ޑޮލަރު އަދި ރާއްޖެއިން ބޭރުގައި ދުވާލަކު 5،000 ޑޮލަރު ނެގޭނެ ކަމަށް ގައުމީ ބޭންކުން މައުލޫމާތު ދެއެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ "ވިސާ ޕްލެޓިނަމް ކާޑު" ން ބައިނަލްއަގުވާމީ އޮފަތަކާއި، 24 ގަޑިއިރު ވީސާ ޕްލެޓިނަމް ކޮންސިއާފް ހިދުމަތްވެސް މިހާރު ލިބޭނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ އައު ވިސާ ޑެބިޓް ޕްލެޓިނަމް ކާޑަކީ ކަސްޓަމަރުންގެ ޑޮލަރު އެކައުންޓްތަކުގައި ހުންނަ ފަންޑުތަކަށް ފަސޭހައިން ވާސިލުވެ، ޕްރިމިއަމް ފެންވަރުގެ ތަޖުރިބާވެސް ލިބޭނެ ކާޑެއް ކަމަށެވެ.
ބީއެމްއެލް އިން އަންނަނީ 2003 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބައިނަލްއަގުވާމީ ކާޑުތައް ދޫކޮށް، ފުޅާ ދާއިރާއެއްގައި ކާޑުގެ ހިދުމަތް ދެމުންނެވެ.