އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި މިހާތަނަށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލާގައި ހިމެނޭ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީގެ ބަންދުގެ މުއްދަތު ހަމަވުމުން މިއަދު ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.
މި މައްސަލާގެ ދެން ހައްޔަރުކޮށްފައިވާ އަނެއް ވިޔަފާރުވެރިޔާކަމަށްވާ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަށްވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހާފައެވެ.
މި މައްސަލާގައި ހިމެނޭ މުއާޒަކީ ކަސްޓަމްސްގައި އޭނާ މަސައްކަތް ކުރި ދުވަސްވަރު ވެސް ރާއްޖެއަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ މީހެކެވެ. އެހެންނަމަވެސް 20 ފޫޓްގެ ދެ ކޮންޓެއިނަރު ވަގަށް ނެގިއިރު އޭނާ ހުރީ ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ޖެނެރަލް މެނޭޖަރު އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގައެވެ.
ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ވަގަށް އެތެރެކުރިކަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފަޅާ އަރައި، އެ މަހުން ފެށިގެން އެ ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓައިފަ އެވެ. އެއީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާތީ އެވެ.
އެ ސިނގިރޭޓް ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ހިސާބުން އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.