"ޖެނެރޭޝަނަލް ބޭން"ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވި އަދި އުފަންވާ އެންމެންނަށް މި ފެށޭ ނޮވެންބަރުން ފެށިގެން ސިނގިރޭޓު މަނާ ކުރާ ބިލު މިދިޔަ މޭ މަހުގެ 21ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފަ އެވެ.
ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރަން ފެށުން ފާހަގަކުރުމަށް 24 ގަޑިއިރުގެ ދުވުން ފެށުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ނާޒިމް ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއް މިންވަރު ކުރުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިއުމަތް ކަމަށެވެ.
ޖެނެރޭޝަނަލް ބޭންއާ ގުޅިގެން މާލޭގައި 24 ގަޑިއިރު ދުވުމެއް ބާއްވާއިރު، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އިއްޔެ ހަވީރު ވަނީ ހިނގާލުންތައް ކުރިއަށް ގެންގޮސްފަ އެވެ.
ދުންފަތް އިސްތިއުމާލުކުރުމުގެ ތެރެއަށް މީހުން ވަނުން ހުއްޓުވަން، ވަކި އަހަރެއްގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ ގޮތަށް "ޖެނެރޭޝަނަލް ބޭން"އެއް ކަނޑައެޅުމަށް ފާސްކުރުމާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، އެއީ ޖެހިލުންކުޑަ ނިންމުމެއް ކަމަށް ބުނެ އެކަމަށް މަރުހަބާ ކިޔާފަ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
1. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެ އެވެ. ނަތީޖާއަކަށްވާނީ މި ޖީލު ހެދި ބޮޑުވެ ހަރު މީހުންނަށް ވާއިރު، މުޅި މުޖުތަމައަކީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ، އަދި ދުންފަތާ ދުރު މުޖުތަމައަކަށްވުމެވެ.
2. ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާ ވާނެ އެވެ.
3. ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސާކުރުން، ޕްރޮމޯޓްކުރުން ފަދަ އެއްވެސް ކަމެއް ކުރުން މުޅީން މަނާ ވާނެ އެވެ.
4. މި ގާނޫނާ ހިލާފަށް، ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއް ކަނޑައެޅިފައިވެ އެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރަން ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ މަސައްކަތުގައި ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުންވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.