އެމްޑީޕީއިން ރޭ ވަނީ "ކޮބާ ކޮބާ މަގޭ ފްލެޓް، ކޮބާ ކޮބާ މަގޭ ގޯތި" ޝިއާރުގެ ދަށުން ކާނިވާ ސަރަހައްދުގައި އެއްވުމެއް ބާއްވާފަ އެވެ.
އެ އެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ކުރީގެ މެމްބަރުންގެ އިތުރުން ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވާހަކަ ދެއްކެވި އެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެމްޑީޕީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އެކި ގޮތްގޮތަށް އަމަލު ކުރަމުން ގޮސް އެ ފްލެޓުތައް ހަވާލު ކުރަން ފެށިއިރު، ވެސް އެތައް ބައިވަރު ކަންބޮޑުވުންތަކެއް ރައްޔިތުންގެ އަދި ވެސް އެބަހުރިކަން އެއްވުމުގެ ބައިވެރިން ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން ދެމަފިރިންނަށް ވެސް ކޮންމެ މީހަކަށް ފްލެޓެއް ދިނުމާއި ކުރީ ސަރުކާރުން ކަނޑައެޅި ކުއްޔަށްވުރެ ބޮޑު ކުއްޔެއް އެ ފްލެޓުތަކަށް ކަނޑައެޅުމުގެ އިތުރުން ބައެއް ފްލެޓުތައް ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެއްވުމުގެ ބައިވެރިން ވަނީ ތުހުމަތުކޮށްފަ އެވެ.
އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ތަކުރާރުކޮށް އެކި ގޮތްގޮތަށް މަސައްކަތް ކުރެއްވި ނަމަވެސް އެއްވެސް ޖަވާބެއް މިހައިތަނަށް ސަރުކާރުން ނުލިބޭ ކަމަށް ވެސް ބައިވެރިން ފާހަގަކުރި އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށް ވުމުން " ބޯހިޔާވަހިކަމުގެ ހައްގު" މީ ސިޔާސީ އެއްވުންތަކުގައި ވަރަށް ހާއްސަ މައުލޫއެކެވެ. ސަރުކާރުން ގަބޫލް ކުރަނީ މި މައްސަލައިގެ "ފުރިހަމަ ހައްލު" ގެނެސް ދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. ރައްދުގައި ސަރުކާރާ ދެކޮޅު މީހުން ބުނަނީ ވެރިކަމަށް ދެ އަހަރުވާއިރު އެންމެ "ގާބުރި" އެއްވެސް އަދި ސަރުކާރުން ނުބާއްވާ ކަމަށެވެ.