މިއީ ވަރަށް ވަރުގަދަ ނިންމެވުމެއްކަމަށާއި ދިރާސާތަކާއި ތަފާސްހިސާބުތަކުގެ އަލީގައި މިކަން ކުރެވިގެންދިއުމަކީ، މީގެ ނަތީޖާ ވަރަށް ރަނގަޅަށް ފެނިގެންދާނެކަމެއްކަމަށް ވިދާޅުވި އެވެ. މިއީ މުޅި ރާއްޖެވެސް އެކަމަށް ފަހުރުވެރިވާފަ ދުވަހެއްކަމަށް އެކަމަނާ ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާ ނަމަ ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހުގަ އެވެ.
ދުންފަތް އިސްތިއުމާލުކުރުމުގެ ތެރެއަށް މީހުން ވަނުން ހުއްޓުވަން، ވަކި އަހަރެއްގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ ގޮތަށް "ޖެނެރޭޝަނަލް ބޭން"އެއް ކަނޑައެޅުމަށް ފާސްކުރުމާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، އެއީ "ޖެހިލުން ކުޑަ" ނިންމުމެއް ކަމަށް ބުނެ އެ ކަމަށް މަރުހަބާ ކިޔާފަ އެވެ.