ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ބުރިޖާއި ޓަނަލް އެޅުމުގެ މަޝްރޫއުތަކަށް 799 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ދަތުރުފަތުރުގެ ބިނާރީ ތަރައްގީއަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައިވާއިރު އޭގެ ބޮޑު ބައެއް ހާއްސަކޮށްފައިވަނީ މިފަދަ ބޮޑެތި މަޝްރޫއުތަކަށެވެ.
މިދިޔަ އަހަރު ބުރިޖުތަކާއި ޓަނަލްތަކަށް 688 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މި އަހަރު އެއާޕޯޓުތަކަށް ދެ ބިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް، އަންނަ އަހަރު އެ އަދަދު 541 މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. ނަމަވެސް ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް 393 މިލިއަން ރުފިޔާ އަދި މަގުތަކާއި ހައިވޭތަކަށް 556 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މިއީ ސަރުކާރުގެ އިސްކަންދޭ ދާއިރާތައް ބަދަލުވެފައިވާކަން ދައްކުވައިދޭ ކަމެކެވެ.
ކަނޑުއަޑިން ރަސްމާލެއަށް ދެވޭ ޓަނަލެއް އެޅުމަކީ ރައީސް މުއިއްޒުގެ މުހިންމު ވައުދެކެވެ. ނަމަވެސް، މިފަދަ ޓެކްނޮލޮޖީއެއް އަދި ދުނިޔޭގައި ނެތް ކަމަށް މީގެ ކުރިން ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިފަދަ ބޮޑު މަޝްރޫއުއަކަށް ބަޖެޓުން ފައިސާ ހިމަނާފައިވާއިރު، މާލެ އާއި ވިލިނގިލި ގުޅުވާލާ ތިލަމާލެ ބުރިޖުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ނިމޭނެ ކަމަށް ވެސް ސަރުކާރުން ލަފާކުރެއެވެ.