ހޮނިހިރު ދުވަހު ކުރިޔަށް ގެންދިޔަ މި އިންޓަވިއުގައި 600 އަށްވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެފައެވެ. އިމިގްރޭޝަނުން ބުނީ މި މަގާމުތަކަށް އާ މުވައްޒަފުން ނަގަނީ އެ އިދާރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ހިދުމަތްތައް ފުޅާ ކުރުމުގެ މަގުސަދުގައި ކަމަށެވެ.
އުމުރުން 30 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުވާލި މި ފުރުސަތުގައި ޖުމްލަ 670 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މިއީ އިމިގްރޭޝަންގެ ވަޒީފާތަކަށް ޒުވާނުންގެ އޮތް ޝައުގުވެރިކަން ދައްކުވައިދޭ ކަމެކެވެ. މީގެ ކުރިން މިދިޔަ މޭ މަހު 50 ވަޒީފާއަށް ހުޅުވާލުމުންވެސް 1000 އަށްވުރެ ގިނަ ޒުވާނުން ވަނީ އިންޓަވިއުގައި ބައިވެރިވެފައެވެ. އިންޓަވިއުއިން ހޮވޭ ފަރާތްތައް ވަޒީފާއަށް ގާބިލުތޯ ބެލުމަށް އިތުރު ދެ އިމްތިހާނެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި އިމްތިހާނުތައް އަންނަ ނޮވެމްބަރު މަހުގެ 4 އާއި 8 އާ ދެމެދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިމިގްރޭޝަން އޮފިސަރެއްގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ އިމްތިހާނުގެ ދެ މާއްދާއިން 'ޑީ' ގްރޭޑް އަދި ދިވެހި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން ހިމެނެއެވެ. މި ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެއާޕޯޓުގެ ބޯޑާ ކޮންޓްރޯލްގެ މަސައްކަތާއި، ރައްޔިތުންނަށް ޕާސްޕޯޓާއި ޓްރެވަލް ޑޮކިއުމެންޓްގެ ހިދުމަތް ދިނުމުގެ އިތުރުން ވިޒާ ސެކްޝަނާއި ސީޕޯޓް ސެކްޝަންގެ މަސައްކަތްތައް ކުރުން ހިމެނެއެވެ.