އޭނާގެ ލިންކެޑިން އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ވަރަށް ފުންކޮށް އެކަމާމެދު ވިސްނެވުމަށް ފަހު ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.
ފަޖުވާ ޕެންޝަން އޮފީހުގެ ސީއެފްއޯގެ މަގާމާ ހަވާލުވީ 22 އޮކްޓޯބަރު 2023ގަ އެވެ. އޭގެ ކުރިން އޭނާ އަދާކުރައްވަމުން ގެންދެވީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓެންްޓްގެ މަގާމެވެ. ފަޖުވާ އަކީ 10 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޗާޓާޑް އެކައުންޓެންޓެއްގެ ގޮތުގައި އަދި ރާއްޖޭގެ ލައިސަންސްޑް އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޕެންޝަން އޮފީހުގެ މާލީ ކަންކަމުގައި އެންމެ އިސްކޮށް ހުންނެވި ފަޖުވާ އިސްތިއުފާ ދެއްވިއިރު، މިދިޔަ މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ. އެއީ، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެ ނިންމުމާ ގުޅިގެން، ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް ވަނީ މިދިޔަ މަހުގެ 22ގައި އިސްތިއުފާ ދެއްވައިފަ އެވެ.
ޕެންޝަން އޮފީހާއި މަރުކަޒީ ބޭންކުގެ ނިންމުމާ ގުޅިގެން، އެއީ ސަރުކާރުން ރައްޔިތުންގެ ޕެންޝަން ފަންޑު ދޮވެލުން ކަމަށް ސިފަކުރައްވައި، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ އެމްއެމްއޭއާއި ޕެންޝަން އޮފީހުގެ ވެރިން އިސްތިއުފާދެއްވުމަށް ގޮވާލައްވައިފަ އެވެ.
ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް ސަރުކާރުން އަދިވެސް އެއްބަހެއް ނުވެ އެވެ. ބައެއް ނޫސްތަކަށް ސަރުކާރުގެ އިސް ވެރިން ދިން އިންޓަވިއުތަކުގައި ބުނަނީ ކުރަން އުޅޭ ކަމަކީ އިންވެސްޓެއް ކަމަށެވެ. އެކަމަކު، އަމިއްލަ ކުންފުނިތަކަށް ނުދެއްކި ފުނިޖެހިފައި ހުރި ބިލްތައް އެ ފައިސާއިން ދޭނެ ކަމަށް ކަމަށް ސަރުކާރުން ބުނެ އެވެ.